އިސްލާމްކަމަކީ ކޮބާ؟

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ދުނިޔެއަކީ ޙަޔާތް ތަޢުމީރު ކުރަން އޮތް ތަނެއް ނޫނެވެ. ދުނިޔެއަކީ އިމްތިޙާނުގެ ޖަގަހައެކެވެ. އެއް ލަފްޒުން އިސްލާމީ ތަޢުލީމް ބަޔާންކޮށްދޭނަމަ ބަޔާންކޮށްދެވެން އޮތް ގޮތަކީ މިއީއެވެ.

Advertisement

ﷲ އިންސާނާ ހައްދަވައިފައި ވަނީ ތާއަބަދު ދިރިހުންނަ މަޚްލޫޤެއްގެ ގޮތުގައެވެ. ﷲ ދެ ދުނިޔެއެއް ހެއްދެވިއެވެ. އެއް ދުނިޔެއަކީ އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔެއެވެ. ދެވަނަ ދުނިޔެއަކީ މަރުވުމަށްފަހު އަންނާން އޮތް ދުނިޔެއެވެ. ﷲ މި ދުނިޔެ ހައްދަވައިފައި ވަނީ ވަގުތީ ތަނެއްގެ ގޮތުގައެވެ. މިތާނގައި އޮންނާނީ ހަމައެކަނި އިމްތިޙާނެވެ. އަންނާން އޮތް ދުނިޔެ އަކީ ދާއިމަށް ދެމި އޮންނާނޭ ދުނިޔެއެކެވެ. ހުރިހައި އުފަލަކާއި އަރާމެއެް ލައްވަފައިފައި ވަނީ އެ ދުނިޔޭގައެވެ.

މި ދުނިޔޭގައި ކޮންމެ މީހަކުމެ އުޅެނީ އިމްތިޙާނެއްގެ ތެރޭގައެވެ. މިއީ މަންޒިލެއް ނޫނެވެ. މިއީ މަގެކެވެ. މި ދުނިޔޭގެ އިމްތިޙާނުން ފާސްވާ މީހުން މަރުވުމަށް ފަހު ދާނީ ދާއިމީ ސުވަރުގެއަށެވެ. މިދުނިޔޭގެ އިމްތިޙާނުން ފާސްނުވާ މީހުން މަރުވުމަށްފަހު ދާނީ ދާއިމީ ނަރަކައަށެވެ.

މި އިމްތިޙާނަކީ ކޮބައިތޯއެވެ؟ އިމްތިޙާނަކީ މިނިވަންކަން ބޭނުންކުރާ ގޮތް ބެއްލެވުމުގެ އިމްތިޙާނެވެ. މި ދުނިޔޭގައި އިންސާނާއަކީ މިނިވަނެކެވެ. އެކަމަކު މި މިނިވަންކަމަކީ އިންސާނާގެ މިލްކެއް ނޫނެވެ. އެއީ އޭނާގެ އިމްތިޙާނުގެ ކަރުދާހެވެ. އޭނާގެ ދާއިމީ ކުރިމަގުގެ ނަތީޖާ ނުކުންނާނީ އެ އިމްތިޙާނު ކަރުދާހަށް އޭނާ ދޭ ޖަވާބެއްގެ މައްޗަށެވެ. އިންސާނާއަށް މިނިވަންކަން ދެއްވުމަށްފަހު ﷲ ތަޢާލާ ބައްލަވަން ބޭނުންވެވޮޑިގެންވާ ކަމަކީ އެމިނިވަންކަމުގެ ބޭނުން އިންސާނާ ކުރާ ގޮތެކެވެ. އެމިނިވަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ކުރަނީ ކާކުތޯއާއި ނުބައި ގޮތުގައި ކުރަނީ ކާކުތޯއެވެ.

އިންސާނާ ކުރަން ޖެހޭ ކަމަކީ އޭނާ އަކީ އަޅެއްކަމަށް ގަބޫލު ކުރުމާއެކު މަޢުބޫދަކީ ކޮބައިކަންވެސް ދެނެގަތުމެވެ. އަމިއްލަވަންތަކަން ދޫކޮށްލައި ﷲ ގެ ރުއްސެވުމުގެ މަގަށް އޭނާގެ މުޅި ދިރިއުޅުން ދީލައިލުމެވެ. މި ދެންނެވުނު ފަދައިން ﷲ ގެ “މީހަކަށް” ވެގަންނަ މީހެއްގެ ޙަޔާތަށް ބޮޑު އިންޤިލާބެއް އަންނާނެއެވެ. އޭނާ ﷲ ދެކެ ބިރުގަންނަން ފަށައިފާނެއެވެ. އޭނާފަދަ އެހެން އަޅުންގެ ޙައްޤުތައް އަދާކުރާ މީހަކަށް އޭނާ ވެދާނެއެވެ. ބޮޑާކަމާއި އަމިއްލަވަންތަކަން ދޫކޮށް ތަވާޟުޢުވެރިއަކަށް އޭނާ ވެދާނެއެވެ.

ޢައްމު އިންސާނާގެ ދިރިއުޅުން އޮންނަނީ ދުނިޔެ ބޭނުން ވެގެން އުޅޭފަދަ ދިރިއުޅުމެއްގެ ގޮތުގައެވެ. އެކަމަކު ﷲ އަށް އީމާންވާ މީހެއްގެ ދިރިއުޅުނޗ އޮންނާނީ އާޚިރަތްދުވަސް ބޭނުންވެގެން އުޅޭފަދަ ދިރިއުޅުމެއްގެ ގޮތުގައެވެ. ޢާއްމު އިންސާނާ ދިރިއުޅޭނީ އޭނާގެ އަމިއްލަ ޒާތުގައެވެ. މުއުމިނަކީ ޢާލަމްތަކުގެ ވެރި ﷲ އަށްޓަކައި ދިރިއުޅޭ މީހާއެވެ.

Advertisements