މާފުށިން ހިއްކި ބިމުން ދިރިއުޅުމަށް ދޫކުރާ 308 ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ރޭގައި އާންމުކޮށްފިއެވެ.

އެރަށު ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާކަމަށެވެ.

މާފުށީން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނަން އޮންނާނީ އެރަށުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެއެވެ.

އެރަށު ކައުންސިލުން ބުނީ ޝަކުވާތައް ބެލުމަށް ފަހު، އެ ލިސްޓަށް އުނި އިތުރު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ މާފުށީގެ ހިއްކި ބިމުން ދިރިއުޅުމަށް 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހުގައެވެ.

މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމަށް ގުރުއަތުލުން ނަގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.