ވެރިކަމާއި ހަވާލުވުމަށްފަހު ސްކޫލު ޗުއްޓީ ކުރިންވެސް އޮތް ގޮތަށް ޑިސެމްބަރަށް ބަދަލު ކުރައްވާނެކަމަށްއިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭންގައި ދ.ކުޑަހުވަދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. މުއިއްޒުގެ ވާހަކަފުޅުގައި ރިޔާސީ މިސަރުކާރުން ގެނައި ބަދަލާއިއެކު ރާއްޖޭގެ މޫސުމާ ބަންދުތައް ދިމާވާގޮތް ފާހަގަ ކުރައްވައި ވިދާޅުވީ ގިނަ ރައްޔިތުންނަށް ޗުއްޓީ އުފާވެރި ގޮތުގައި ހޭދަ ނުކުރެވޭ ކަމަށެވެ، އެހެންކަމުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ސްކޫލު ޗުއްޓީ ކުރިންވެސް އޮތް ގޮތަށް ޑިސެމްބަރަށް ބަދަލު ކުރައްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ކެމްޕޭންގައި ދ.ކުޑަހުވަދޫއަށް ވަޑައިގެން މުއިއްޒު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި އުންމީދީ ވާހަކަފުޅު ތަކެއް ދައްކަވާފައެވެ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ހުށަހަޅާ ކަންކަމަކީ ރައްޔިތުން އުދޭފަދަ އުންމީދީ ބަދަލުތައް ގެނުވޭނެ ކަންކަމަސް ވާންޖެހޭކަމަށެވެ. ރައްޔިތުން އެދޭފަދަ ހެޔޮވެރިކަމެއް ކުރެވޭނީ ރައްޔިތުންނާއި ގުޅުންހުރި ކަންކަމަށްވެސް ހައްލު ގެނެސްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ސްކޫލު ޗުއްޓީ އަކީ ޑިސެންބަރ ނުވަތަ ނޮވެމްބަރ ފަހުކޮޅުން ފެށިގެން ވިޔަސް އަހަރުގެ ފަހު ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައީ ސުކޫލު ޗުއްޓީ އަހަރުގެ މެދަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވަމުންނެވެ. އެ ވައުދާ އެއްގޮތަށް ސަރުކާރުން ވަނީ ސުކޫލު ޗުއްޓީ އަހަރު މެދަށް ބަދަލުކޮށްފައެވެ.

މި ސަރުކާރުން އެބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ޖޫންމަހާއި ޖުލައި އަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ. އެ ބަދަލާ ގުޅިގެން ސައްތައިން ބަލަންޏާ ގިނަ ބެލެނިވެރިއަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޖޫންމަހާއި ޖުލައިގެ ގަދަ ވިއްސާރައާ ބަންދު ދިމާވާތީ، ދަތުރު ނުކުރެވި ބޮޑު ޗުއްޓީ ބޭކާރުވާ ކަމަށްބުނެ ކަންބޮޑުވުންތައް ފާޅުކުރިއެވެ.

"ޖޫން ޖުލައިއަށް ބަދަލު ކުރީމާ ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް މި ބަދަލުވަނީ. އެބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ. ދަތުރުފަތުރެއް ނުކުރެވޭ. އޭގެ ސަބަބުން އެ ބަންދުގެ ބޮޑުބައި ގެއްލިގެން ދަނީ. އަނެއް ކަމަކީ ޖުލައި 26 އާދެ. އައުމުން މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވާ ހުރިހާ ކުދިން އެބަ ޖެހޭ މަޑުކުރަން ޕްރެކްޓިސް ކުރަން. މަޑު ކުރީމާ ބޮޑު ބަންދުގެ ބޮޑުބައެއް އެބަ ގެއްލޭ. މިފަދަ އެތައް ކަމެއް ވެގެން ވަރަށް ގިނަ ބެލެނުވެރިން ވަރަށް ގިނަ ކަންބޮޑުވުންތައް ފާޅުކޮށް ސަރުކާރަށް ތަކުރާރުކޮށް އެކަން ހުށަހަޅަމުންދިޔަ ބޮޑު ބަންދު މިއޮތީ ނުބައިކޮށޭ ބަދަލުކޮށްފައި. ކުރީގައި އޮތް ގޮތަށް މާ ރަނގަޅޭ،"
ޑރ މުހައްމަދު މުއިއްޒު

ޗުއްޓީ ޑިސެމްބަރަށް އަނބުރާ ގެންނަން ވަގުތު ބޭނުންވާނެ ކަމަށާއި ޖަނަވަރީގައި ދިރާސީ އަހަރު ފެށޭނެ ގޮތަށް ދެން އިންތިޒާމުތައް ހަމަޖެއްސޭނީ 2025 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ކަމުން އެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެެވެ.

މުއިއްޒު ވަނީ ބޮޑު ޗުއްޓީ އަލުން ޑިސެންބަރަށް ބަދަލު ކުރުމުގެ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. މޫސުމުގެ މައްސަލައިގެ އިތުރުން މިހާރު އޮތް ގޮތުން ޖުލައި 26 ދިމާ ވަނީ ބޮޑު ޗުއްޓީއަށް ކަމުން މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ޗުއްޓީން ބޮޑު ބައެއް ގެއްލޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ޑިސެމްބަރަށް އަނބުރާ ގެންނަން ވަގުތު ބޭނުންވާނެ. މިހާރު އޮތް ގޮތަށް ކުރިއަށްދާއިރުގައި އެ ރޯލްވާ ރޯލްވުން އަނބުރާ ޖެނުއަރީގައި ދިރާސީ އަހަރު ފެށޭ ގޮތަށް ދެން ބަދަލު ކުރެވޭނީ 2025ގެ ޖެނުއަރީގައި. 2025ގެ ޖެނުއަރީގައި ދިރާސީ އަހަރު ފެށީމައި އެ އަހަރުގެ ޑިސެމްބަރުން ފެށިގެން ބޮޑު ބަންދު އަންނާނީ ޑިސެމްބަރަށް. އެގޮތަށް ބަދަލު ކުރީމައި އަނެއްކާވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާވާނެ." މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު އިތުރަށް ވިދާޅުވީ ޓޫރިޒަމް ސެކްޓާގައި ވަޒީފާގައި އުޅޭ ފަރާތްތަކަށް އެ ސެކްޓާގެ ވިޔަފާރިވެރިންނާއި އޯނަރުންނާ ވާހަކަ ދައްކައިގެން އެދެވޭނެ ހައްލެއް ގެނެވޭނެ ފޯމިއުލާނެއް ނެރެވޭނެ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކޮށް. އެފަރާތްތަކަށްވެސް އޭގެ ގެއްލުން ނުވާނެ ފޯމިއުލާއެއް ނެރެވިދާނެ ކަމަށެވެ.