މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ ތެރެއިން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މީހަރު މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ވަނީ ކުޑަހުވަދޫގައި ބޭއްވި ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

ކުޑަހުވަދޫގައި ބޭއްވި މުއިއްޒުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހަރުދަނާ ސިޔާސަތެއް ގެންގުޅެމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ.

މިޖަލްސާގައި ދެއްކެވި ވާހަކައިގައި، އެމްޑީޕީން ބޯހިޔާވަހިކަމުގެ މައްސަލަހައްލު ކުރުމަށް ހަރުދަނާއުސޫލެއް ނުގެންގުޅުއްވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، އެމްޑީޕީގައި ތިއްބެވުމަށްފަހު ނިކުމެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދައިގެން އުޅޭ ފަރާތްތަކުން ވެސް ގެންގުޅުއްވަނީ އެކަށީގެންވާ ސިޔާސަތެއް ނޫން ކަމުގައެވެ.

ސިޔާސީ ޕާޓިތަކުން ބޯހިޔާވަހިކަމަށް އެކަށީގެންވާ، ހަރުދަނާ އުސޫލެއް ނުގެންގުޅުއްވާ ކަމަށްވިޔަސް، ސައީދު ވިދާޅުވީ، ޑރ މުއިއްޒަކީ އެ މަސައްކަތްޕުޅު ކުރައްވާ، ކާމިޔާބު ނަތީޖާތަކެއް ނެރެދެއްވާފައިވާ ބޭފުޅެއްކަމަށެވެ. ސައީދު އިތުރަށް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންވާނެ ކެންޑިޑޭޓަކީ ޑރ މުއިއްޒު ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް އެނގިލައްވާނެ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

"ބޯހިޔާވަހިކަން ދިނުމުގެ ވިސްނުން ދިވެހިރާއްޖޭގައި މިވަގުތު ތިބި ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ އައުލާކަން ބޮޑީ، އެންމެ ދަންނާނެ ބޭފުޅަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓު ނޫންތޯ؟ ދިވެހިރާއްޖެ ޝައްކު ކުރާކަށް މިއަދު ޖާގައެއް ނެތް މިކަމުގައި،"
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ 18 އަހަރު ފުރޭ ކޮންމެ ކުއްޖަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް ފްލެޓެއް ނުވަތަ ގެދޮރު އިމާރާތްކުރާނެ ބިންކޮޅެއް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އެހެން ނަމަވެސް އެ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމިނަށް ކާމިޔާބުވާގޮތް ނުވެ ސަރުކާރު ބަދަލުވިފަހުން، 2023 އަށް ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ޑރ މުއިއްޒު ގެންދަވަނީ އެ ވައުދު ތަކުރާރު ކުރައްވަމުންނެވެ. އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން މުއިއްޒު ދަނީ ދެއްވަމުންނެވެ.

ވަކިން ޖަލްސާއެއްގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް ގެންގުޅެއްވާނެ ސިޔާސަތުގެ ތަފްސީލު ހާމަކުރައްވާނެކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.