ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، މ. ދިއްގަރު ރައްޔިތުން އެދޭ ގޮތަށް ބިން ހިއްކައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީޔެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ.

ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. ދިއްގަރަށް ވަޑައިގެން އެ ރަށުގައި ތިބި ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ރައްޔިތުންގެ އަޑު އަހައިގެން ނޫން ކަމަށެވެ.

އެހެންނަމަވެސް މުއިއްޒު ވިދާޅުވީ އެމަނުިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންގެ އަޑު އަހައި، އެ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއު ގެންގޮސް ނިންމާލައްވާނެ ކަމަށެވެ.

ސަރުކާރަށް ފަސް އަހަރުވެގެންދާ އިރު، ކުނި މެނޭޖް ކުރުމަށް އެއް ކަމެއް ވެސް ކުރެވިފައި ނުވާ ކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ އެކަން ފުރިހަމަކޮށް ދެއްވުމަށް ވައުދުވެވަޑައި ނުގަންނަވަނީ އެއީ މާ ބޮޑު ވައުދަކަށް ނުވުމާއި ރައްޔިތުންގެ އަސާސީ ހައްގަކަށްވާތީ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ދިއްގަރުގައި ސްކޫލެއް ހުރި ކަމުގައި ވިޔަސް، ޓީޗަރު ހަމަ ނުވަނީ ސަރުކާރުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އިންސާނީ ވަސީލަތްތައް ހަމަކޮށްދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސްކޫލްތަކުގައި ދިވެހި، އިސްލާމް ޓީޗަރުން ތިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ މުހައްމަދު މުއިއްޒު ދިއްގަރަށް ވަޑައިގަތުން

ދިއްގަރު އިންޖީނުގޭގައި ޖަނަރޭޓަރެއް ހުރި ކަމުގައި ވިޔަސް، ކަރަންޓު ކެނޑޭ މައްސަލައިގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ގެދޮރުވެރިކަމުގެ މަޝްރޫއުތައް ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަވައި ހައުސިން ލޯން ފަސޭހަކަމާ އެކީގައި ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މަސްވެރިކަމާ ގުޅޭ ބައެއް ސިޔާސަތުތައް ހާމަކުރައްވައި މުއިއްޒު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި ރޯ މަސް ގަންނަ އެންމެ ދަށް އަގު 20ރ. އަށް ހަދާނެ ކަމަށެވެ. އެގޮތަށް ކަން ކުރުމަށް މިފްކޯ އަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމަންވީ ގައުމަށާއި ރަށަށް ފައިދާ ހުރި ގޮތެވެ. އެކިއެކި ސިނާއަތްތަކުގައި އުޅޭ މީހުންނަށް ވެސް އެންމެ ފައިދާވާ ގޮތަށް ގޮތް ނިންމަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.