އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ކ ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް އެ ރަށުގައި ހިނގި ސިޔާސީ ހަމަނުޖެހުމާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ ގުރައިދޫގައި ދެ ބައެއްގެ ދެމެދުގައި މިއަދު ހިނގި ހަމަ ނުޖެހުމުގައި ބަޔަކަށް އަނިޔާވެފައި ކަމަށާއި އެ ހަމަނުޖެހުމާ ގުޅިގެން ބާވީސް އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަ ނުޖެހުން ހިންގީ މުއިއްޒު ވަޑައިގަންނަވާތީ، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އެމްޑީޕީއަށް ސަޕޯޓް ކުރާ ބަޔަކު ނުކުތުމުންނެވެ. އެ މުޒާހަރާގެ ބައިވެރިންނާއި މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، އެންމެ ފަހުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީއެވެ.