އަންނަ ސެޕްކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ، އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކުލާސްރޫމްތައް އޭސީ ކޮށްދެއްވާނެ ކަމުގައި ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ށ. މިލަންދޫގައި މިރޭ ކުރިޔަށްދިޔަ ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ، މީގެ އެތައް އަހަރެއް ކުރިންވެސް އެމަނިކުފާނު ވާނީ ރާއްޖޭގެ ވަރަށް ގިނަ ސްކޫލުތަކަށް ގިނަގިނަ އެހީތަކެއް ވެދެއްވާފައި ވާނެކަމުގައެވެ.

އެގޮތުން ގާސިމް ވިދާޅުވީ ސްކޫލްތަކުގެ އިތުރުން، ރާއްޖޭގެ ސިއްޙީ ފަރުވާ ފޯރުކޮށްދޭ ތަންތަނުގައިވެސް އޭސީ ނުކޮށްހުރި ތަންތަން އޭސީ ކޮށްދެއްވާނެކަމަށެވެ. އޭގެ ސަބަބެއް ކަމުގައި ގާސިމް ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި، އިންސާނަކަށް އެންމެ ފުރަތަމަ ބޭނުންވާނީ ފުރިހަމަ ސިއްޙަތެއްގައި ހުރުމާއި ފުރުހަމަ ތައުލީމު ލިބުންކަމަށް ގަބޫލު ކުރައްވާތީ ކަމުގައެވެ.

ށ. މިލަންދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، ވެރިކަން ލިބިވަޑައިގެންފި ނަމަ އެއްވެސް މީހަކަށް އަނިޔާއެއް ނުދޭނެ ކަމަށާއި، މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފަ ތިއްބެވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށްވުރެ ވެރިކަން ހައްގުވާ އެހެން ބޭފުޅަކު ނެތްކަމުގައެވެ.