ސްޓޫޑެންޓް ލޯން ނުލިބި ދަރިވަރުން މާޔޫސް ވެފައި

7
ސްޓޫޑެންޓް ލޯނަށް އަލުން އެދުމުގެ ފުރުސަތު ހުޅުވާލާނެކަމުގެ އިޝާރާތެއް މިނިސްޓްރީން ވަނީ ދީފައި

މަތީ ތައުލީމްގެ ފުރުސަތުތަކަކަށް ބަލަބަލައި ތިބި އެތައް ބަޔަކަށް މާޔޫސްކަމަކަށްވީ ކިޔަވަން ދޫކުރާ، ސްޓޫޑަންޓް ލޯނަށް ފޯމްލީ 900 އެއްހާ ދަރިވަރުންގެ ތެރެއިން އެންމެ 70 ވަރަކަށް ފަރާތަށް އެ ލޯނު ހަމަޖެހުނު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން އިއުލާން ކުރުމާ އެކު އެވެ.

ލޯނުގެ ފުރުސަތު ހަމަނުޖެހި، އެތައް ސުވާލެއް ފުނިޖެހިފައިވަނިކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދެއްވި ޖަވާބުން އަނެއްކާ ވެސް ފުނިޖެހުނީ އިތުރު ސުވާލުތަކެކެވެ. މިނިސްޓަރު ވިދާޅުވީ ގިނަ ފަރާތްތަކަށް ލޯނު ނުލިބުނީ އެ ލޯނަށް އެދި ފޯމް ހުށަހެޅި އިރު އުސޫލާ ހިލާފަށް ފޯމްތައް ހުށަހަޅާފައިވާތީ ކަމަށެވެ.

އެ ހުރިހާ ފޯމްއެއް ނުބައިވެ، ޑިސްކޮލޮފައިވީ އިރު އެފޯމުތައް އިދާރީ ސަބަބަކާ ހުރެ ރިޖެކްޓްވީ އިރު، އެކަން އިސްލާހު ކުރަން މިނިސްޓްރީން ކުރީ ކީއްތޯ ގިނަ ބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ.

ލޯނަށް އެދި ހުށަހެޅި ފޯމުތައް ބަލައިގެންފައިވަނީ ބަލަންވާވަރަށް ނުބަލާ

Advertisements

ނިމިގެން ދިޔަ ސަރުކާރުގައި ސްޓޫޑެންޓް ލޯން ދެމުން ދިޔައީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ނަމަވެސް އާ ސަރުކާރު ހަވާލުވުމަށް ސްޓޫޑަންޓް ލޯން ފަދަ މަތީ ތައުލީމުގެ ކަންކަން ކައިރިން ބެލުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހާއްސަ މިނިސްޓްރީއެއް އުފެއްދީ އެވެ.

ކުރިން ލޯންސްކީމްގެ މަސައްކަތުގައި އުޅުއްވި ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިފަހަރު ސްޓޫޑަންޓް ލޯނަށް އެދި ފޯމްތައް ހުށަހެޅި އިރު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހަމަތޯ އެއްވެސް ވަރަކަށް ބަލައިފައި ނުވާ ކަމަށެވެ.

“މީގެ ކުރިން އަޅުގަނޑު މިނިސްޓްރީގައި މަސައްކަތް ކުރިއިރު އޮންނާނެ ބޮޑު ކިއުއެއްވެސް. ފޯމްތައް ބަލައިގަންނައިރު ބަލާނެ ލިޔެކިޔުންތައް ހަމަތޯ. އެމްކިއުއޭއިން ގަބޫލުކުރާ ކޯހެއްތޯ. މިހެން ގޮސް ބައިވަރުކަންތައްތައް،” އޭނާ ވިދާޅުވި އެވެ.

ސްޓޫޑަންޓް ލޯންއަށް އެދި އޮންލައިންކޮށް ވެސް ފޯމް ހުށަހެޅޭ އިރު އެކަމަށް ވެސް އޮންނަނީ ހާއްސަ އުސޫލެއް މިނިސްޓްރީން ހަމަޖައްސައިފަ އެވެ. ކުރިން އޮންލައިންކޮށް ފޯމް ހުށަހަޅާއިރު އެޓޭޗްމަންޓް ފައިލްތަކުގެ ސައިޒް ބޮޑުވެ އެ ނުލެވޭތީ މިނިސްޓްރީން ފަހުން ވަނީ އެންސީއަައިޓީއާ ގުޅިގެން އެކަމަށް ވެސް ހާއްސަ އިންތިޒާމެއް ހަމަޖައްސައިފަ އެވެ.

“އޮންލައިންކޮށް ފޯމް ހުށަހަޅާތަނުން ދަރިވަރަށް އެނގޭނެ ދަރިވަރަށް އެ ފޯމްތަކުގެ ސްޓޭޓަސް. އޭގަ އިންނާނެ އެއްޗެއް ބޭނުންވެއްޖިއްޔާ އެކަންވެސް ސްޓޭޓަސްއިން ފެންނަން. ލިޔެކިޔުމެއް މަދުވެ ދަރިވަރު ފަހުން ހުށަހަޅާއިރަށް އެކަން ޕޮޕަޕް މެސެޖަކުން އެނެގޭނެ. ހުރިހާ ލޮގެއް ފެންނަން ހުންނާނެ،” ކުރިން ވާހަކަ ދެއްކި މިނިސްޓްރީގެ ކުރީގެ އިސްވެރިޔަކު ވިދާޅުވި އެވެ.

މިފަހަރު ލޯންސްކީމްއަށް ފޯމް ހުށަހެޅި އިރު އޮންލައިންކޮށް ބޭނުންކުރި ޕޯޓަލްގައި ވެސް މައްސަލަތައް އުޅޭކަމަށް ބައެއް ދަރިވަރުން ވަނީ ފާހަގަކޮށްފަ އެވެ.

ގިނަ ދަރިވަރުންނަށް ލޯނު ނުލިބުނީ ފޯމު ފުރިހަމަކުރުމުގައި ހުރިކަންތައްތަކެއްގެ ސަބަބުން

ސްޓޫޑެންޓް ލޯން ސްކީމަށް އެކި ދާއިރާތަކުން 933 ފަރާތަކުން ފޯމް ހުށަހަޅި އިރު އޭގެ ތެރެއިން ލޯނު ހަމަޖެހުނީ 79 ފަރާތަކަށް އެކަންޏެވެ.

ސްޓޫޑަންޓް ލޯން ނުލިބުނު ސަބަބުތައް ރޭ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި އިރު އެންމެ ބޮޑަށް ފާހަގަވީ ކުދިކުދި ކަންތައްތަކާ ހުރެ ލޯނު ނުލިބުނު މައްސަލަތަކެވެެ.

އެގޮތުން ސްޓޫޑަންޓް ލޯންގެ ފުރުސަތު ގިނަ ފަރާތްތަކަށް ނުލިބުނީ އެ ލޯނަށް އެދި ފޯމް ހުށަހެޅި އިރު ހުށެހެޅި ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާ މައްސަލައަށް ފަހު ދެން އެންމެ ގިނަ ފަރާތްތަކުުން ޑިސްކޮލިފައިކޮށްލައިފައި ވަނީ ސެޓްފިކެޓްތައް އެޓެސްޓް ކުރުމުގައި މަައްސަލަ އުޅޭ ކަމަށް ބުނެ އެވެ. އަދި އޭގެ އިތުރުން ޕައިލެޓްކަން ކިޔަވަން ހުށަހެޅި ގިނަ ފަރާތްތައްް ޑިސްކޮލިފައި ކޮށްފައި ވަނީ އެ ދަރިވަރުން ކިޔަވަން ބޭނުންުވާ ގައުމު ބުނެފައިނުވާތީ ކަމަށް ބުނެއެވެ.

ފޯމްތައް ބަލައިގަތުމުގެ އުސޫލު ވަނީ ބަދަލުކޮށްފައި

ލޯނަށް އެދޭ ފޯމްތައް ބަަލައިގަތުމުގައި ކުރިން އަމަލަކުރަމުންދިޔަ އުސޫލަށް ބަދަލުގެސްފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެ ނިންމުމަކީ ހަޔާއެޑިއުކޭޝަން މިނިސްޓްރީންގެ ޕޮލިސީ ލެވަލްގައި ނިންމި ނިންމުކެވެ.

ގިނަ ބަޔަކަށް ލޯނު ނުލިބުނު ނަމަވެސް އެ ފުރުސަތު އަލުން ލިބިދާނެކަމުގެ އިޝާރާތެއް މިނިސްޓަރު، ޑރ. އިބްރާހިމް ހަސަން މިދިޔަ ހަފްތާގައި ވަނީ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ލޯންގެ ބާކީ ހުރި ޖާގަތަކަށް އަނެއްކާ ވެސް މިމަހު 20 ގައި އިއުލާންކުރާނެ ކަމަށެވެ.

ނަމަވެސް ދެން ހުޅުވާލާ ފުރުސަތުތަކުގައި ވެސް ފޯމްތައް ބަލައިގަތުމުގައި މިނިސްޓްރީން އަމަލުކުރާނެ އުސޫލް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. މިނިސްޓްރީގެ ޕޮލިސީއަށް ބަދަލު ނުގެނެސް ކުރިން އަމަލަ ކުރި ގޮތަށް އަމަލުކޮށް އަނެއްކާ ވެސް ކުރިން ކުރި ހިތި ތަޖުރިބާ ތަކުރާރުކުރަން ޖެހިއްޖެނަމަ އެ ޖެހުނީ ކޮންތާކުތޯ ބުނެ ގިނަ ބަޔަކު އަނެއްކާ ވެސް ސުވާލު އުފައްދާނެއެވެ. ބޭނުންވަނީ ބަދަލެކެވެ. ފަސޭހައިން ކިޔެވުމަށް ލޯނު ލިބޭނެ ގޮތެކެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެލެއްވި ގޮތެވެ.

 

Advertisements

7 COMMENTS

    • ހިތާމަ ކުރާނެކކަމެއްނެތްް މާމާ. ގަސްދުގައި މީހުން ރުޅިއަރުވަން ކޮށްފައި ހުންނަ ކަންތައް

  1. ސަރުކާރާއި ޢާންމު ރައްޔިތުން ޖައްސާ ނުބައި ހަދަން އުޅޭ ބައެއް. ބޭރު ކުރުމަށް ގޮވާލަން

  2. ކރިންވެސް އެނގޭ ތިމީހުން ތިހެން ހަދާނެކަން. އޭރުވެސް ބުނިންދޯ ދެން ބޮޑުވަރު

  3. ކަންކަން ކުރުމުގައި ތަޖުރިބާ ނެތުން. ފަރުވާ ކުޑަކުރުން. ކުރަން މިއުޅޭނީ ކޮންކަމެއްކަން ކޮންބޭނުމަކު ކުރާކަމެއްކަން ނޭނގުން. މިއީ ވަރަށް ބޮޑު މައްސަލައެއް. މިނިސްޓަރ އިސްތިއުފާއަށް ގޮވާލަން.

  4. މިހާރު ކިހާބޮޑު ކަމަކަށްވެއްޖެތަ ތިމީހުންނާހެދި ބޭރުކޮށްގެން ނޫނީ ނުވާނެ ތިކަމެއް.

    • ވަރަށް ލަސްވެއްޖެ. އަވަސް އަވަސް. ތިކަހަލަ މީހުން ވަރަށް ގިނަ

Comments are closed.