ކުރީގެ ނޫސްވެރިޔާ އަދި ސިޔާސީ މިނިވަންކަން ހޯދުމަށް އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު އާނިޔާ މިއަދު ނިޔާވެއްޖެއެވެ.

އާނިޔާ ނިޔާވީ ކެންސަރުގެ ބައްޔަށް ފަރުވާ ކުރަމުން ގެންދަނިކޮށް އިންޑިއާގެ ބެންގަލޫރުގަ އެވެ.

އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްވަރު ހެދި "މިނިވަން ނޫސް" ހިންގުމުގައި އިސް ދައުރެއް އަދާ ކުރި މީހެކެވެ. އަދި ފަހުން "މިނިވަން ރޭޑިއޯ" ވެސް ހިންގީ އާނިޔާއެވެ.

އާނިޔާއަކީ ސޯޝަލް މީޑިއާގައި ވެސް އެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލުފާޅުކޮށް ހެދި އާންމުންގެ ތެރޭގައި މަޝްހޫރު މީހެކެވެ. އެގޮތުން ކުރިން ޓުވިޓާގައި އަދި ފަހުން ކްލަބްހައުސްގައި އެކި ކަންކަމާ ގުޅޭ ގޮތުން ބަހުސްކޮށް، ވާހަކަ ދެއްކި އެވެ.

ދިވެހިރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގައި ވެސް އާނިޔާ އިސް ދައުރެއް އަދާ ކުރިއެވެ. އެގޮތުން އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އާނިޔާ އަދާކުރެއްވިއެވެ.

އެހެންނަމަވެސް ފަހުން ފެނިގެން ދިޔައީ އެމްޑީޕީ ބައިބައިވެގެން ދިއުމަށްފަހު ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭނާ އެމްޑީޕީން ވަކިވީ 2022 ވަނަ އަހަރުގެ މޭމަހުއެވެ.