ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދަށްދާނެކަމަށް ވޯލްޑު ބޭންކުން ލަފާކޮށްފި

0
ކުރިއަށް އޮތް 3 އަހަރު އިޤްތިޞޯދު ދަށް ދާނެކަމަށް ވޯލްޑުބޭންކުން ވަނީ ލަފާކޮށްފައި

ކުރިއަށް އޮތް 3 އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ދަށަށް ދާނެކަމަށް ވޯލްޑް ބެންކުން ހާމަކޮށްފިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދަށަށް ދާނެކަމަށް ވޯލްޑް ބެންކުން ލަފާކޮށްފައިވަނީ، ކުރިއަށް އޮތް 3 އަހަރު ތެރޭގައި އިންވެސްޓްމަންޓްތައް އަންނާނެކަމަށް ލަފާކޮށްފައިވާ މިންވަރަށް ބަލާ ނެރެފައިވާ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް ރިޕޯޓުގައެވެ.

މިރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދު ވަނީ 7.9 އިންސައްތަ ކުރިއަރާފައެވެ. އޭގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާޢަތާއި ޢިމާރާތްކުރުމުގެ ސިނާޢަތަށް ލިބުނު ކުރިއެރުމެވެ.

Advertisement

ވޯލްޑް ބެންކުން ލަފާކުރާ ގޮތުގައި މިއަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރާނީ 5.7 އިންސައްތައަށެވެ. މިއީ މިއަހަރު ޖެނުއަރީމަހު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރި 6.3 އިންސައްތައަށްވުރެ 0.6 އިންސައްތަ ދަށް އަދަދެކެވެ.

މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 5.7 އިންސައްތައިގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރު އިޤްތިޞާދީ ދުވެލި ހުންނަނީ 5.2 އިންސައްތައިގައެވެ. އަދި 2021 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނަނީ 5.3 އިންސައްތައިގައިކަމަށްވެސް ވޯލްޑް ބެންކުން ލަފާކުރެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި 5.7 އިންސައްތައާއި 5.3 އިންސައްތައާ ދެމެދު މި ތިން އަހަރު ހުންނާނެކަމަށް ލަފާކުރިއިރު، މިދިޔަ 3 އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރީ 7.3 އިންސައްތައާއި 7.9 އިންސައްތައާ ދެމެދުއެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުން މިއަހަރު އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާނެކަމަށް ވޯލްޑް ބެންކުން ލަފާކުރަނީ އިންޑިއާއާއި ބަންގްލަދޭޝްގެ އިޤްތިޞާދެވެ. އެގޮތުން އިންޑިއާގެ އިޤްތިޞާދު 7.5 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރާއިރު، ބަންގްލަދޭޝްގެ އިޤްތިޞާދު 7.4 އިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބެންކުން ލަފާކުރެއެވެ.

މިސަރަޙައްދުގެ އެހެން ޤައުމުތަކުގެ އިޤްތިޞާދުތަކަށް ބަލާލާއިރު، ނޭޕާލްގެ އިޤްތިޞާދު 6.4 އިންސައްތަ، ބޫޓާންގެ އިޤްތިޞާދު 5.4 އިންސައްތަ، ސްރީލަންކާގެ އިޤްތިޞާދު 3.5 އިންސައްތަ، ޕާކިސްތާންގެ އިޤްތިޞާދު 2.7 އިންސައްތަ އަދި އަފްޣާނިސްނުގެ އިޤްތިޞާދު 2.4 އިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބެންކުން ލަފާކުރެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގެ އިޤްތިޞާދީ ދުވެލި މަޑުޖެހުނު ނަމަވެސް، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އެހެން ޤައުމުތަކާ އަޅާ ބަލާއިރު ދައްވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

Advertisements