ހައްޖު ކޯޓާ ދިނުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ – އޭސީސީ

0
ހައްޖު ކޯޓާއާ ގުޅޭ މައްސަލައެއް ކޯޓަށްވެސް ވަނީ ހުށަހަޅާފައި

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވަނީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފި އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަކަށް ދޭން އިސްލާމިކް މިނިސްޓްރީން އޮތީ ނިންމައިފަ އެވެ. އިސްލާމިކް މިނިސްޓްރީން އެ ކުންފުނިތައް ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ ސިސިލްފަރު ކުންފުނިންނެވެ.

އެ މައްސަލައާ ގުޅޭ ގޮތުން، މިދިޔަ ހަފުތާގައި އޭސީސީން ނިންމި ނިންމުމުގައިވާ ގޮތުން، ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ބެހޭ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބާތިލް ކުރަންޖެހޭ ގޮތަށް އެ އުސޫލުގައި އޮތުމުން އެފަދަ ބައެއް ޕްރޮޕޯސަލްތައް ބާތިލް ކުރި ނަމަވެސް، ދެ ކުންފުންޏެއްގެ ޕްރޮޕޯސަލްތައް ބާތިލް ނުކޮށް އަދި އެ ދެ ކުންފުނި އިވެލުއޭޝަންގައި ބައިވެރިކޮށްފައި ވެ އެވެ.

Advertisement

މީގެ އިތުރުން، ޕޮއިންޓް ދޭނެ މިންގަނޑުތައް އާންމު ކޮށްފައި ވިޔަސް، ބައެއް ބައިތަކަށް ޕޮއިންޓް ދިނުމުގައި އިވެލުއޭޝަން ކޮމެޓީގެ މެމްބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯޒަލަަކަށް މަތިން މާކްސް ދީފައިވާ ކަން ފާހަގަ ކުރެވޭ ކަމަށް ވެސް އޭސީސީގެ ނިންމުމުގައި ވެ އެވެ. އަދި އެއީ ޕޮއިންޓް ދިނުމުގައި ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، އިވެލުއޭޝަންގައި ޕޮއިންޓް ދިނުމުގައި އަމަލު ކޮށްފައިވާ ގޮތުން ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވޭތީ އެ މައްސަލަ އިތުރަށް ބެލުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު ކޯޓަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ނުކުރާތީ ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

Advertisements