މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ކުރިން އިއުލާން ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ.މުހައްމަދު މުނައްވަރު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމައިފިއެވެ.

ޑރ. މުއިއްޒަށް ތާއީދު ކުރައްވަން މުނައްވަރު ނިންމެވި އެންމެބޮޑު އެއް ސަބަބަކީ، އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ ތެރެއިން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުން ނިންމާފައި ނިންމުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލެވި ބޭފުޅަކީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، ޑރ. މުއިއްޒުކަމަށް ވުމެވެ.

އަދި މިކަމުގައި އެންމެ ބޮޑު އިސްނެންގެވުމެއް ނަންގަވައި ބޮޑު ހަރަކާތްތަކެއް ބޭއްވެވީ ޕީޕީއެމް، ޕީއެންސީން ކަމަށް މުނައްވަރު ފާހަގަ ކުރެއްވިއެވެ. މިފަދަ ގައުމީ މައްސަލައެއްގައި ގައުމުގެ ހައްގުގައި ވަކާލާތު ކުރެއްވި ކެންޑިޑޭޓެއްގެ ފަހަތުގައި މަސައްކަތް ކުރުމަކީ މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން އެންމެ ރަނގަޅު ގޮތްކަމަށްވެސް ޑރ. މުނައްވަރު ދެކެ ވަޑައި ގަންނަވައެވެ.

ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަމަށް މުނައްވަރު ވިދާޅުވި ނަމަވެސް ފަހުން ވަނީ ކުރިމަތި ނުލައްވާނެކަން ހާމަކުރައްވާފައެވެ. އޭގެ ފަހުން މުނައްވަރު ހުންނެވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވައި މަޑުކޮށްލައިގެންނެވެ. ނަމަވެސް މުނައްވަރު ވަނީ ރިޔާސީ އިންތިހާބުގައި މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމައި އެކަން ހާމަކުރައްވާފައެވެ.

މުނައްވަރަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމު ދިހަ އަހަރު ފުރުއްވެވި ބޭފުޅެކެވެ. ރާއްޖޭގައި ތިއްބެވި ގާނޫނީ ދާއިރާގެ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި މުނައްވަރު ހިމެނެއެވެ.