ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަހުމަދު ސިޔާމްމުހައްމަދު ސަން ޝިޔާމްގެ ކުންފުނި، ސަން ޓްރެވެލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ފޯމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ސަން ޓްރެވެލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު (370.8 މިލިއަން ރުފިޔާ) ދެއްކުމަށް ސިވިލް ކޯޓުން އެންގީ، ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއިދުކޮށެވެ. މި މައްސަލައިގައި އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހައިކޯޓުން ކުރިންވަނީ އަމުރެއް ކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓުން މިދިޔަ ހަފްތާގައިވަނީ ސަން ކުންފުނިން އެދިގެން ބާތިލުކޮށްފައެވެ.

މި މައްސަލައަކީ ނ. އިރުފުށި ހިންގުން ހިލްޓަންއަށް ދިނުމަށް ސަން ކުންފުނިން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލުކުރުމާ ގުޅިގެން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓަރޭޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އާބިޓަރޭޝަނުން 24 މިލިއަން ޑޮލަރު ދިނުމަށް ސަންގެ މައްޗަށް އަމުރުކުރި މައްސަލައެވެ.

ހިލްޓަނާއެކުވީ އެއްބަސްވުމަކީ ރާއްޖޭގެ އާންމު ސިޔާސަތާ ހިލާފަށް ގާއިމުކުރި އެއްބަސްވުމެއްކަމަށް ބުނެ އެ އެއްބަސްވުމުގެ ދަށުން ހިލްޓަނަށް ފައިސާ ދައްކަންނުޖެހޭނެކަމަށް ސަން ކުންފުނީގެ ފަރާތުން ކޯޓުގައި ވަކާލާތުކުރި ނަމަވެސް އެކަމުގެ ގާނޫނީ ހުއްޖަތެއް ސަން ކުންފުންޏަށް ދެއްކިފައިނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.