ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާ އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އިލެކްޝަންސް ކޮމިޝަނުން މިއަދު ފަށައިފިއެވެ.

މި ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފައިވަނީ މާލޭސިޓީ ފިޔަވައި އެހެން ސިޓީތަކާއި ހުރިހާ އަތޮޅެއްގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާ އޮފިޝަލުންނަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މި މަހުގެ 28 ގެ ނިޔަލަށެވެ.

މާލޭސިޓީގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެން ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާ އޮފިޝަލުންނަކީ އިލެކްޝަންސް ކޮމިޝަންގެ އިގުރާރުގައި ސޮއިކުރުމަށްފަހު އެއްވެސް ސިޔާސީ ޕާޓީއެއްގެ ސިޔާސީ ހަރަކާތްތެއްގައި އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތެއްގައި އުޅެވޭނެ މީހުންނެއް ނޫނެވެ. އަދި ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ނުކުރުމުގެ ގޮތުން ވެސް ޚިޔާލެއް ފާޅުކުރުމަކީ އޮފިޝަލުންގެ ސުލޫކީ މިންގަނޑާ ހިލާފުވާނޭ ކަމެކެވެ.

އެކޮމިޝަނުން ވަނީ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުން ސުލޫކީ މިންގަނޑު ދެމެހެއްޓުމަށް އެދިފައެވެ. އަދި ސިޓީ, އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުން މިކަންކަން ކަށަވަރުކުރުމަށް ވެސް ވަނީ އެދިފައެވެ. ޓްރޭނަރުންވެސް މިކަމަށް ސަމާލުކަން ދިނުމަށް އީސީން ވަނީ އެދިފައެވެ.