ފުލުހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ސ. ނަމްބަރު 1324، (ހއ. ހޯރަފުށި / ނިކޯޝިއާ) އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު މޫސާ އެވެ.

ފުލުހުން ބުނީ އަހުމަދު މުސާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އަޙްމަދު މޫސާ ނިޔާވި އިރު ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. ނިޔާވިއިރު ޢުމުރަކީ 48 އަހަރެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މޫސާ އަކީ މެދުނުކެނޑި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓްގައި މަސައްކަތްކުރައްވައި، ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އަދި ނިޔިާވިއިރު މަސައްކަތްކުރައްވަމުން ގެންދަވާފައިވަނީ ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައެވެ.

އަޙްމަދު މޫސާ އަށް ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް، ފުލުހުންގެ މެޑަލް، އަޚުލާޤީ ކުލަ 1، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، މިނިވަން ފަންސާހުގެ މެޑަލް، ޖުމްހޫރީ ފަންސާހުގެ މެޑަލް ހިމެނެއެވެ.

އަޙްމަދު މޫސާ ނިޔާވުމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ވަނީ ތައުޒިޔާ ރައްދުކުރައްވާފައެވެ.