ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް ޖޭއެސްސީ އިން ފަށައިފި

2
ޖޭއެސްސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް ޖޭއެސްސީ އިން ފަށާފައިވާއިރު، ބައެއް ފަނޑިޔާރުން ޖޭ.އެސް.ސީ އަށް ހާޒިރުކޮށް ސަސްޕެންޑްކުރަން ވަނީ ފަށާފައެވެ.

ޖޭއެސްސީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން މިއަދުގެ އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމީ އަބްދުﷲ ދީދީއާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލަ އަކާ ގުޅިގެން ކަމަށެވެ. އަދި ފުލުހުން ބަލަމުން ދަނީ އަބްދުﷲ ދީދީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ކޮމިޝަނަށް ހުށަހެޅުއްވި މައްސަލައެއް ކަމަށްވެސް ޒަހީން ވަނީ ވިދާޅުވެފައެވެ.

އަބްދުﷲ ދީދީއާ ގުޅޭގޮތުން ނަޝީދު ޖޭއެސްސީ އަށް ހުށަހަޅުއްވާފައިވަނީ އޭނާގެ އަނބިކަނބަލުންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނެ އެވެ. އެކަމަކު އެ ތުހުމަތު ދޮގު ކުރައްވައި، ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ ނުހައްގު އެއްވެސް ފައިސާއެއް އެމަނިކުފާނާ ގުޅުންހުރި އެކައުންޓެއްގައި ނުހުންނާނެ ކަމަށެވެ.

Advertisement

ޒަހީން ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރިޔާސަތު ބެލެހެއްޓެވި އަދި މަޖިލީހުގެ ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ކޮމިޝަނުން ނިންމީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށް ވިޔަސް، ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ. މީގެކުރިން މައްސަލައަކާ ގުޅިގެން މަޖިލީހުން ފާސްކޮށްގެން ފަނޑިޔާރަކު ވަކިކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން މިއަދު ކޮމިޝަނުން ނިންމީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭ އިބްރާހިމް ރަޝީދެވެ. އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ނިންމީ ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން ކަމަށް ޒަހީން ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ.

މީގެ ކުރިން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ފޮނުވިޔަސް، އޭރު އެ ނިންމުން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަކުރަން ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުންނެވެ.

Advertisements

2 COMMENTS

  1. ކުރަން ލަސްވެފައިވާަމެއްތިޔައީ. އެކަމަކު އިސްލާހު ކުުރުމުގެ ބަދަލުގައި، ތަން ހަލާކު ނުކުރާތި

  2. އިސްލާހު ކުރުމުގެ ނަމުގައި، އަމިއްލައަށް ބާރު ހޯދައިގެން އެއްކަމެއް ކުރާނަމަ މައްސަލައެއްދޯ.

LEAVE A REPLY

Please enter your comment!
Please enter your name here