ސެންޓްރަލް ޕޮލިސިންގ ކޮމާންޑު، އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ރިވިއު ފޯރަމް 2023 ބާއްވައިފިއެވެ.

ސަރޖަންޓް އާދަމް ހަލީމް ކްރިމިިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި އިއްޔެ ބޭއްވި މި ފޯރަމް ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ފޯރަމް ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، 2018 ވަނަ އަހަރު އަވައްޓެރި ފުލުހުންގެ މަސައްކަތް ފެށިގެން އައުމާއެކު، މުއައްސަސާގެ ތެރޭގައި ރައްޔިތުންނާ ގާތުން ފުލުހުން މަސައްކަތްކުރަން ގެންގުޅޭ ވިސްނުމަށް ނުވަތަ އޮންނަ ސަގާފަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވިއެވެ.

އަދި މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ވަރަށް ސާފުކޮށް މި ފަލްސަފާގެ މައްޗަށް ތަރުތީބުވެ ކަންކަން ރޭވިގެން މަސައްކަތް ކުރެވިގެންދާކަމަށާއި މިކަމުގެ ސަބަބުން ފުލުހުންނާއި ރައްޔިތުންގެ ގުޅުން އިތުރަށް ހަރުދަނާވެ އިތުބާރާއި ޔަގީންކަން އުފެދި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޅާލެވޭ މިންވަރު އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.

ނަމަވެސް، އެންމެބޮޑު އާބާދީއެއް އޮތް މާލެ ސަރަހައްދުގައި ފުލުހުންގެ މަސައްކަތް (އަވައްޓެރިފުލުހުންގެ ފަލްސަފާގެ މައްޗަށް) ތަރުތީބުކޮށް، (އެ ފަލްސަފާއަށް) އެންމެ އެކަށީގެންވާގޮތަށް އިންސާނީ ވަސީލަތް ގާއިމުކޮށް، ކުރިއަށް އޮތް ތަނުގައި ހާއްސަ ސަމާލުކަމެއް ދީގެން ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން މަސައްކަތްތައް ތަރުތީބުކޮށް ބައްޓަން ކުރަން އެބަޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ އޮނިގަނޑަށް ގެނައި ބަދަލަކީ އެހާ ފަސޭހަ ބަދަލެއް ނޫން ކަމަށާއި ފުލުހުންގެ މަސައްކަތްތައް ދެމެހެއްޓުމުގައި ފަހި ވިސްނުމެއް ބޭނުންވާކަމަށާއި މުއައްސަސާގެ މަސައްކަތްތައް ތަރައްގީކުރުމުގެ މަސައްކަތުގައި ބައިވެރިވެވޭނީ ކިހިނެއްތޯ ވިސްނައި ބައިވެރިވެވޭ ފެންވަރުގެ މީހަކަށް ކޮންމެ ފުލުހަކުވެސް ވުމަށްޓަކައި މަސައްކަތްކުރަންޖެހޭ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ކޮންމެ ރޭންކެއްގެ ފުލުހަކަށް ވިޔަސް މިކަންކަމާމެދު ވިސްނައިގެން ނޫނީ މުއައްސަސާގެ ގާބިލުކަމާއި މުއައްސަސާއާ މެދު ރައްޔިތުންކުރާ އުންމީދާ ހަމައަށް ނުދެވޭނެކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ މުއައްސަސާގެ ކުރިމަގަށްޓަކައި ކޮންމެ މުވައްޒަފަކު ކުރަމުންމިދާ މަސައްކަތްތަކުގެ އިތުރަށް މަސައްކަތްކޮށްގެން ނޫނީ ލަނޑުދަނޑިތައް ހާސިލުނުވާނެކަމަށް ވިދާޅުވިއެވެ. އަދި ހަރުދަނާ ވިސްނުމަކާއެކު މަސައްކަތްކުރުމަކީ ކޮންމެ ފުލުހެއްގެ އަޒުމަކަށް ހެދުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

ޕެނަލް ޑިސްކަޝަނާއި ގްރޫޕް މަސައްކަތްތައް އަދި ޕްރެޒެންޓޭޝަންތަކާ އެކު ކުރިއަށް ގެންދިޔަ މިފޯރަމްގައި، ގްރޭޓަރ މާލެ އޭރިއާގެ އަވައްޓެރި ފުލުހުން ވޭތުވެ ދިޔަ ފަސްއަހަރު ކޮށްފައިވާ މަސައްކަތްތަކާއި، އަވައްޓެރި ފުލުހުންގެ މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިއަށް އޮތްތަނުގައި އަވައްޓެރި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ވިލަރެސް ކުރުމުގެ މަސައްކަތްކޮށްފައިވެއެވެ.

އޭގެ އިތުރުން، އަވައްޓެރި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު މަސައްކަތްކުރެވިފައިވާ މިންވަރު ދެނެގަނެ އަދި ކުރިއަށް އޮތްތަނުގައި މި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށް މާލެ އޭރިއާގައި އަވައްޓެރި ފުލުހުންގެ މަސައްކަތްތައް ތަރުތީބުކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. އަދި އަވައްޓެރި ފުލުހުން ކުރަމުންގެންދާ މަސައްކަތްތައް ފުރިހަމަގޮތެއްގައި ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މި ފޯރަމްގެ ތެރެއިން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

މި ފޯރަމްގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ޕޮލިސް ސްޓޭޝަންތަކުގެ ޝިފްޓް އިންޗާޖުން، ރެސްޕޯންސް އެންޑް ޕެޓްރޯލް، އިންވެސްޓިގޭޝަން ޔުނިޓް އަދި އަވައްޓެރި ފުލުހުންނާއި ފްރަންޓްލައިން ފުލުހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާ ގާތުން ދިނުމަށްޓަކައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ތައާރަފުކޮށްފައިވަނީ 2018 ޑިސެމްބަރ 17 ވަނަ ދުވަހުއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރައްޔިތުންނާ ގާތުން އަވައްޓެރި ފުލުހުންގެ ޚިދުމަތްދަނީ ފޯރުކޮށްދެމުންނެވެ.