ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫއަށް މިއަދު ޒިޔާރަތްކުރައްވައި އެރަށުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްކޭޓް ޕާކާއި، ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް މި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވީ އެމަނިކުފާނު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިންނެވެ. މިގޮތުން މި މަޝްރޫޢުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގޮއިދޫގައި ތަރައްޤީކޮށްފައިވާ ވޮލީކޯޓުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެނެވެ. އަދި، ސްކޭޓް ކުރުމަކީ ގޮއިދޫގެ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ކުޅިވަރެކެވެ.މިގޮތުން މިއަދު ހުޅުއްވައިދެއްވި ސްކޭޓް ޕާކް ތަރައްޤީކުރުމުގެ މަޝްރޫއު ހިންގާފައި ވަނީ ބްރަދަރސް މޯލް އިންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.