މިއަހަރު ނިމުމުގެ ކުރިން ޑެންމާކުން ޒަމާނީ ހަނގުރާމަ މަތީ މަތިންދާ ބޯޓް އެފް-16 ޖެޓް ޔޫކްރައިނަށް ފޮނުވަން ނިންމާފައިވާ ކަމަށް ޑެންމާކުގެ ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.

"ޑެންމާކުން ޔޫކްރޭނަށް އެފް-16 ފަޔަރ ޖެޓް ހަދިޔާކުރާނެ،" ޑެންމާކުގެ ޑިފެންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޑެންމާކު ޑިފެންސް މިނިސްޓަރ ޖަކޯބް އެލެމަން ޖެންސަން ވިދާޅުވީ ޔޫކްރައިނަށް ޖެޓް ހަދިޔާ ކުރަން ނިންމި ނިންމުމަކީ އެގައުމުގެ ޕާލަމަންޓުގެ ތާއީދާއެކު ނިންމި ނިންމުމެއް ކަމަށެވެ. އަދި ޖެޓްތައް ޔޫކްރައިނަށް ފޮނުވުމުގެ ކުރިން ބައިނަލްއަގުވާމީ ތަމްރީންތަކެއް ނެދަލޭންޑްސްއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ޖެންސަން ވިދާޅުވިއެވެ.

"ފުރަތަމަ ފޮނުވާލީ 6 ޖެޓް. އިތުރު ޖެޓް ފޮނުވަން ޖެހޭނަމަ އެކަން ނިންމާނީ އޭގެ ފަހުން" ޑެންމާކުގެ ޑިފެންސް މިނިސްޓަރ ޖެންސަން ވިދާޅުވިއެވެ.

އެމެރިކާގެ އުފެއްދުމެއް ކަމަށްވާ އެފް-16 ޖެޓް އެހެން ގައުމަކަށް ހަދިޔާ ކުރާނަމަ ނުވަތަ ވިއްކާނަމަ އެމެރިކާގެ ހުއްދައެއް ހޯދަން ޖެހެއެވެ. މިއަހަރުގެ ކުރީކޮޅު ޖަޕާނުގެ ހީރޯޝީމާގައި ބޭއްވި ޖީ-8 ސަމިޓުގައި އެމެރިކާއިން ވަނީ އެފް-16 ޖެޓް ޔޫކްރައިނަށް ފޯރުކޮށްދޭނެ ކަމަށް ރަސްމީކޮށް އިއުލާން ކޮށްފައެވެ. އެކަމަކު އެކަން ކުރާނީ އެމެރިކާގައި ހުރި ޖެޓްތަކުގެ ބަދަލުގައި އެހެން ގައުމުތަކަށް ވިއްކާފައިވާ ޖެޓްތައް ޔޫކްރައިނަށް ފޮނުވައިގެން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭރު ވިިދާޅުވިއެވެ.

ޑެންމާކުގައި ގާތްގަނޑަކަށް 30 ވަރަކަށް އެފް-16 ފަޔަރ ޖެޓް ހުރިއިރު، އެ ޖެޓްތަކުގެ ބަދަލުގައި އެގައުމުން ދަނީ އެފް-35 ޖެޓްތައް ގަތުމަށް މަސައްކަތް ކުރަމުންނެވެ.

ޑެންމާކުން ޔޫކްރައިނަށް މިއަހަރު ނިމުމުގެ ކުރިން ފައިޓަރ ޖެޓް ފޮނުވާނެކަން އިއުލާން ކުރުމާއި ގުޅިގެން އެކަމަށް ރައްދުދީ ރަޝިޔާއިން މިއަދު ބުނީ މިކަމުން ދޭހަވަނީ ރަޝިޔާ - ޔޫކްރައިން ހަނގުރާމަ ނިމެން ހުޅަނގުން ބޭނުން ނުވާކަން މިކަމުން ދޭހަވާ ކަމަށެވެ.