އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕޭރެންސީން މިހެން ބުނީ އެތަނުން ނެރުނު ބަޔާނެއްގައެވެ. މި ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރު ފަށާފައިވާ ކެމްޕެއިނާ ދިމާކޮށް، ޓްރާންސްޕޭރެންސީން ނެރުނު މިބަޔާނުގައި ބުނެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަން ފާހަގަވާ ކަމަށެވެ. އެގޮތަށް ކަަންތައް ކުރުމުގެ ސަބަބުން އަނެއް ހަތް ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ގެއްލިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ޓްރާންސްޕޭރަންސީން ބުނީ މިދިޔަ މަހުގެ ދިހަ ވަނަ ދުވަހު ކެމްޕޭން ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލިތާ ފުރަތަމަ ދިހަ ދުވަހު ތަފާތު ސޯޅަ ރަށެއްގައި ބައްތިރީސް މަޝްރޫއެއް ނިންމުން ނުވަތަ ފެށުން ފާހަގަ ކުުރުމުގެ ރަސްމިއްޔާތުތަކަށް ރައީސް ވަޑައިގެންނެވި ކަމަށެވެ. ޓްރާންސްޕޭރެންސީން ބުނީ މި 32 މަޝްރޫއުގެ ތެރެއިން 8 މަޝްރޫއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު މުޅިން ނިންމާފައިވާ މަޝްރޫއުތަކެއް ކަމަށެވެ

ޖުމްލަ އެއް ބިލިއަން ރުފިޔާގެ 14 އައު މަޝްރޫއެއް، ހައުސިން މިނިސްޓްރީ މެދުވެރިކޮށް، ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލު ކޮށްފައިވާކަންވެސް ޓްރާންސްޕޭރެންސީން ވަނީ ހާމަކޮށްފައެވެ.

ރައީސް ސާލިހުގެ ކެމްޕެއިންގެމި އަމަލުތަކުގެ ސަބަބުން އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ގެއްލިގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕޭނު ދަތުރުފުޅުތަކުގައި ރަސްމީ މަސައްކަތްތައް ކުރެއްވުމާ މެދު ވެސް އެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކަންތައް މިހެން ދިމާވުމުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކާއި ކެމްޕޭނު ކުރެއްވުމާ ދެމެދު އޮތް ފަރަގު ދެނެގަންނަން އުނދަގޫވާކަމަށް ޓްރާންސްޕޭރެންސީގެ އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކާއި އިޖުތިމާއީ ސިޔާސަތުތަކުގެ ވައުދުތައް ރައީސް ވެވަޑައިގަންނަވަނީ އެއިން ކަމަކާ ގުޅޭ ދުރުރާސްތާގެ ޕްލޭނެއް ނޫނީ ކުޑަމިނުން ވިސްނުމަކަށްވެސް އެއިން ކަމެއް ހާމަނުކުރައްވާ ކަމަށް ޓްރާންސްޕޭރަންސީން ވަނީބުނެފައެވެ.

އެހެންކަމުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ގޮވާލައި، އެ ކަންކަމަށް އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ގާތުން ބަލައި، ފާރަވެރިވުމަށް ޓްރާންސްޕޭރެންސީން ވަނީ އިލްތިމާސްކޮށްފަައެވެ.