ޑިމޮކްރެޓުންގެ ސަރުކާރެއްގައި ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ އެ އަތޮޅެއްގެ ކައުންސިލަށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ވެލިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އެ އަތޮޅު ވެލިދޫގައި ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެ އަތޮޅަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ އަގުބޮޑު ރިސޯޓުތައް ހުރި އެއް އަތޮޅުކަމާއި އަދި ހުރިހާ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ އެ އަތޮޅުގެ އަތޮޅު ކައުންސިލަށް އެމަނިކުފާނުގެ ވެރިކަމެއްގައި ދޭނެ ކަމަށް ވިދާޅުވިއެވެ.

މިގޮތުން މި ބަދަލާ އެކީ ނޫނީ އަތޮޅުތަކާއި ރަށްރަށް ތަރައްޤީ ނުކުރެވޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ހަމައެއާއެކު ރަށާއިި އަތޮޅު ކައުންސިލްތައް ބާރުވެރި ކުރުވުމަށް ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ހިމެނޭކަންކަން އިލްޔާސް ވަނީ ކިޔައިދެއްވާފައެވެ.