ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް އެޕާޓްމެންޓުން ފުލެޓު ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ. ފުލެޓު ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް10 އަދި ހިޔާ ފްލެޓް ދޭއްގެ ކައިރީ އޮންނަ ހުސްބިމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ.

ވިނަރެސް ފްލެޓުތަކަށް ކުރިމަތިލީ 131 މީހުންގެ ތެރެއިން މިއަދު ތަޅުދަނޑި ހަވާލުކޮށްފައިވަނީ ޝަރުތު ހަމަވިފަރާތްތަކުން ފްލެޓު ލިބިފައިވާ ޖުމުލަ 92 ފަރާތަކަށެވެ. މިފަރާތްތަކަށް ރަމްޒީ ތަޅުދަނޑި ހަވަލުކޮށްދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

މިއީ ޒަމާނީ ފެންވަރަށް ހަދާފައިވާ ފުލީފާނިޝްޑް ކޮޓަރިތަކާއި އޭސީއާއެކު ބަދިގެ ސެޓްވެސް ހަރުކޮށްފައި ހުރި ފްލެޓްތަކެކެވެ. އަސާސީ ހިދުމަތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކޮށްފައިވާ އިރު، ޕާކިން ފެސިލިޓީއާއި ސުޕަމާކެޓާއި ޖިމާއި ކެފޭ އާއި މޯލްއާއި އޭޓީއެމްގެ ހިދުމަތުގެ އިތުރުން ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމު ތަނުގައި ވަނީ ހަމަޖައްސާފައެވެ.

އެންމެ ހާއްސައެއްކަމަކީ މިއީ 24 ގަޑިއިރުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ތަނަކަށް ވެފައި ފުލެޓުތަކަށް ވަދެވޭނީ ފުލެޓްތަކަށް ދިފައިވާ އެކްސެސް ކާޑުންކަމަށްވުމެވެ.

ވިނަރެސްފުލެޓުތައް ލިބުނު މީހުންގެ ދާއީމީ ލިސްޓު އާބަންކޯއިން އާންމުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. ލިސްޓުގައިވާ ގޮތުން 295 މީހުންނަށް ވަނީ ފުލެޓް ލިބިފައެވެ. ވިނަރެސް ފުލެޓު ގަތުމަށް ކުރިމަތިލީ 1،400 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 723 މީހުންކަމަށް އާބަންކޯއިން ކުރިން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން އަޅަން ފެށި ވިނަރެސް ފުލެޓުގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓުގެ ތެރެއިން ގާތްގަނޑަކަށް 1،000 ފުލެޓަށް ހުޅުވާލީ މާލޭގެ ރަށްވެހިންނަށެވެ. އޭގެ އިތުރުން ގުޅިފަޅާއި ސީ ލައިފުން ފުލެޓު ގަތް މީހުންނަށާއި ހިޔާ ފުލެޓު ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދޭން ނިންމިއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް 100 ފުލެޓު ހާއްސަކޮށްފައިވެއެވެ.

800-900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފުލެޓުތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު ހުޅުވައިލެވުނެވެ.

ފުރަތަމަ ގޮތަކީ ފުލެޓުގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ.

ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ވިހި އަހަރަށް ކުލި ބަހާލުމުން ކޮންމެ އެޕާޓްމެންޓަކަށް ވެސް މަހަކު 19،000 ރުފިޔާ އާއި 23،000 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހެއެވެ. މިގޮތަށް ކުލި ބަހައިލުމުން ފުލެޓުގެ ޖުމުލަ އަގު 4.9 މިލިއަން ރުފިޔާ ނުވަތަ 6 މިލިއަން ރުފިޔާއަށް ބޮޑުވާނެއެވެ.

ޑައުންޕޭމެންޓުގެ ގޮތުގައި 20 ޕަސެންޓް ދައްކައިގެން، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަގެއް ފުލެޓަށް ދައްކަން ޖެހޭއިރު ފުލެޓުގެ ޖުމުލަ އަގު 5.5 މިލިއަން ރުފިޔާ އާއި 7.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެއެވެ.

މި މަޝްރޫއަކީ 2010 ވަނަ އަހަރު ޗައިނާގެ ސީމެކް ކުންފުންޏާއެކު ހުޅުމާލެ ފޭސް އެކެއްގައި 1000 ފްލެޓު އަދި ހުޅުމާލެ ފޭސް ދޭއްގައި 1500 ފްލެޓު އެޅުމަށް ހަވާލުކުރި އެއްބަސްވުމުގެ ދަށުން ފުރިހަމަކުރި މަޝްރޫއެކެވެ. ވިނަރެސް ފްލެޓްގައި ހިމެނެނީ ދިހަ ޓަވަރުގައި ޖުމުލަ 1404 އެޕާޓްމަންޓެވެ.