ބަޣްދާދު (އޮގަސްޓް 21) - މަސްތުވާތަކެތި އުފެއްދުމާއި ޓްރެފިކިންއާ ދެކޮޅަށް އިރާގުގެ ސަލާމަތީ ބާރުތަކަށް އިނގިރޭސިވިލާތުން އިތުރު އެއްބާރުލުން ދޭނެ ކަމަށް އިނގިރޭސިވިލާތުގެ ސެކިއުރިޓީ މިނިސްޓަރު ޓޮމް ޓޫގޭންޑަޓް މިއަދު ވިދާޅުވެއްޖެއެވެ.

ޓޮމް ޓޫގޭންޑަޓް ވިދާޅުވީ މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ ސަބަބުން މުޅި އިރާގް ދައުލަތައް ބުރޫއަރާފައިވާ ކަމަށެވެ. އަދި ސީރިޔާއިން އިރާގަށް އެތެރެކުރާ މަސްތުވާތަކެތީގެ ސަބަބުން އިރާގުގެ މަސްތުވާތަކެތީގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރުގަދަ ކައުންޓަރ ޓެރަރިޒަމް އެއްބާރުލުމުގެ މައްޗަށް ބިނާކޮށް އިންސާނުން ސްމަގްލް ކުރުމާއި، އިންސާނީ ވަގު ވިޔަފާރި އާއި މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ މައްސަލަތައް ހައްލު ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް" ޓޮމް ޓޫގޭންޑަޓް ވިދާޅުވިއެވެ.

ޓޫގޭންޑަޓް ތުހުމަތު ކުރެއްވި ގޮތުގައި މިދިޔަ ހައެއްކަ އަހަރު އިރާގް ބޭނުން ކޮށްފައި ވަނީ ޑްރަގް ޓްރާންސިޓް ކުރާ ގައުމެއްގެ ގޮތުގައި ކަމަށެވެ. "ޚާއްސަކޮށް އަވަށްޓެރި ސީރިއާގައި އުފައްދާ އެމްފެޓަމިން ކެޕްޓަގަން އިރާގް މެދުވެރިކޮށް އެހެން ގައުމުތަކަށް ދަނީ އެތެރެ ކުރަމުން. އަދި ފާހަގަވާ ކަމަކީ އިރާގުގައިވެސް ދަނީ އެމްފެޓަމިން އުފައްދަމުން" ޓޫގޭންޑަޓް އޭޕީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ޖިނާއީ ކުއްތަކަށް އަރައިގަންނަ ޖަމާއަތްތަކާއި، ހިއުމަން ޓްރެފިކިން އަދި މަސްތުވާތަކެތީގެ އަސަރު ހަމައެކަނި އިރާގަށް ފެތުރިފައި އޮތް މަންޒަރެއް ނޫން، މުޅި ސަރަހައްދަށް އޮތީ މިބަލިމަޑުކަން ފެތުރިފައި" ޓޫގޭންޑަޓް ވިދާޅުވިއެވެ.

އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަސްތުވާތަކެއްޗާއި ހިއުމަން ޓްރެފިކިންއާ ދެކޮޅަށް އެގައުމުން "ބޮޑެތި މަސައްކަތްތަކެއް" ކޮށްފައިވާ ކަމަށެވެ.

ސޫދާނީ ވިދާޅުވީ އިރާގާއި އިނގިރޭސި ދާޚިލީ ވުޒާރާތަކުން މި ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އޭޕީއަށް ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އިނގިރޭސި އޮފިޝަލަކު ވިދާޅުވީ އެއްބަސްވުންތަކުގައި ބޮޑަށް އަލިއަޅުވާލާނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވުމަށް މައުލޫމާތު ހިއްސާކުރުމަށާއި "ސީރިއަސް އޯގަނައިޒްޑް ކްރައިމް" ތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ މައްޗަށް ކަމަށެވެ.