ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޝައިހް އުސްމާން އަބްދުﷲގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، އައްޝައިހު އުސްމާން އަބުދުﷲ ވަނީ 23 ފެބްރުއަރީ 1980 އިން ފެށިގެން 1985 ވަނަ އަހަރާ ހަމައަށް މިލަދުންމަޑުލު އުތުރުބުރީގެ މެންބަރުކަން ކުރައްވާފައި ކަމަށެވެ. އަދި 1980 ގައި އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ޝައިހު އުސްމާން އަބުދުﷲ ކުރައްވާފައިވާ ކަމަށްވިދާޅުވިއެވެ.

މީގެ އިތުރުން ޝައިހް އުސްމާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ހަސަން އަފީފް ވަނީ އެދިވަޑައިގެންފައެވެ. އަދި އުސްމާންގެ ހަނދާނުގައި ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނައެވެ.

ސްމާނަކީ އެކި ދުވަސްވަރު، ދީނީ ގޮތުން ވެސް ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި، ދީނީ ގޮތުން ދިވެހިން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ދާދިފަހަކާ ޖެހެންދެންވެސް، އުސްމާން ވަނީ ދީނީ ތަފާތު މައުޟޫތަކަށް ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.

ސައުދީ އަރަބިއާގެ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ކިޔަވާ ވިދާޅުވި އުސްމާން ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ އެކި އެކި މަގާމުތައްވެސް ފުރުއްވާފައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް މާލޭގައި އުފެއްދެވި ތިން ބޭފުޅުންގެ ތެރޭގައި ވެސް އުސްމާން ހިމެނިވަޑައިގެންނަވައެވެ.

އުސްމާން އަށް ދައުލަތުން ވަނީ އިސްލާމް ދީން އުނގަންނައި ދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރި ކަމުގެ ގައުމީ އިނާމު 2012 ގައި ލިބިވަޑައިގެންފައެވެ.

އެންމެ ފަހުން އޭނާގެ ހިދުމަތް ދައުލަތަށް ލިބުނީ، ޒަކާތާ ގުޅޭ ގޮތުން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީން އުފެއްދި ޒަކާތު ކޮމެޓީއަށް ލަފާ އަރުވާ ބޭފުޅެއްގެ ގޮތުގަ އެވެ.