ޝަރުއީ ދާއިރާގެ ހިންގުން ބޮއްސުން ލަމުންދާއިރު، ސަރުކާރައި، ރައްޔިތުންގެ މަޖިލިސް އޮތީ ގަދަ ނިދީގައި ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މިހެން ވިދާޅުވީ އެކްސް.ކޮމް ގައި ކުރައްވާފައިވާ ޓުވީޓެއްގައެވެ.

މިއީ އިއްޔެ ކްރިމިނަލް ކޯޓު ހިންގާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވެ އެ އިމާރާތުގެ އެއްބައި ވެއްޓި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ހާލަތުގައި މައްސަލަތައް އަވަސް ކުރުމަށް ޕީޖީ އޮފީހުން ބާރު އަޅާތީ އިއްޔެ ފަނޑިޔާރު މުހައްމަދު ނިޔާޒް ދެއްވި ހޫނު ރައްދު ތަކަށް އިޝާރާތްކުރައްވައި ވިދާޅުވެފައިވާ ވާހަކައެކެވެ.

އިއްޔެ ފަނޑިޔާރު ވިދާޅުވީ، ގާނޫނު ހަމައެކަނި ހަދާފައި އޮތީ އަވަހަށް ޝަރީއަތް ހިންގުމަށް ނޫން ކަމަށެވެ. އަދި ޝަރީއަތް އަވަސް ކުރުމަށް މަގުފަހިކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާނެ ކަމަށެވެ. ޝަރީއަތް އަވަސްކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަކުން ވެސް ކޯޓުތަކަށް އެހީތެރިވާން ޖެހޭނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު ވިދާޅުވީ ޝަރުއީ ދާއިރާގެ ހިންގުން އަވަސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ނުކޮށް ތިބޭވާހަކަ ފަނޑިޔާރުން ދައްކަންޖެހޭ ހިސާބަށް ދިއުމަކީ ވަރަށް ލަދުވެތި ކަމެއްކަމަށެވެ. މިހިސާބަށް ކަންކަން ދާއިރުވެސް ފެނިގެންދަނީ ވެރިކަން ހިންގާ ބާރާއި، ގާނޫނު ހެދުމުގެ ބާރު ގަދަ ނިދީގައި އޮތްތަން ކަމަށް މުހުތާޒު ވިދާޅުވިއެވެ.

"ޝަރީއަތުގެ މަޖިލިސްތަކުގައި ޝަރުއީ ދާއިރާއަށް ދައުލަތުގެ މުއައްސަސާތަކުން ވަމުންދާ އިހުމާލުގެ ވާހަކަތައް ފަނޑިޔާރުން ދައްކަންޖެހޭ ހިސާބަށް ކަންކަން ދިއުމަކީ ލަދުވެތިކަމެއް. މިވަރު ވެގެންދާއިރު ވެރިކަން ހިންގާބާރާއި ގާނޫނުހަދާ ބާރު ގަދަނިދީގައި އޮތުން ބަލައިގަންނަން ދަތި،" މުހުތާޒު ޓުވީޓުގައި ވިދާޅުވެފައިވެއެވެ..

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ، އެތަނުގެ ބައިތައް ވެއްޓޭތީ އެ ކޯޓު ހިންގުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް-19 ފެސިލިޓީ އަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު އޮތީ ނިންމައިފައެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުން މިހާރު ބޭނުން ކުރަނީ އެއްބައި ކަމަށްވާތީ ގިނަ މީހުން ހާޒިރުކޮށްގެން ބާއްވަންޖެހޭ ޝަރީއަތްތައް ބޭއްވޭ މިންވަރު މިހާރު މަދެވެ.

ގިނަ ޝަރީއަތްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށް ބާއްވާތީވެ، ބޮޑެތި މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ކްރިމިނަލް ކޯޓަށް މިހާ ބޮޑަށް ޖާގައިގެ ދަތިކަން އޮތްއިރު، މިހާތަނަށް ވެސް އެ ކޯޓު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް އަދިވެސް އޮތީ ނުނިމިއެވެ.