ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މިމަހު 20 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކުރެވިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 7,512 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަލުން ފުންކުރުމާއި، 36,527 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 882 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.

އަދި 376 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 1475 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މިއީ ސަރުކާރުން ހިންގާ 69.4 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.