ރ. މަޑުއްވަރީގެ ފެނުގެ ނިޒާމު ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

0
ރ. މަޑުއްވަރީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރ. މަޑުއްވަރީގައި ސާފު ބޯ ފެން ލިބޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ރ.މަޑުއްވަރީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ރ.މަޑުއްވަރީގައި ބާއްވައިފިއެވެ. މި މަސައްކަތް އަމަލީ ގޮތުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ހަސަންއެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ރ.މަޑުއްވަރީގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ބ.ދަރަވަންދޫ، ހދ.ނޮޅިވަރަންފަރު އަދި ށ.ފޯކައިދޫ ފެނުގެ ނިޒާމް ޤާއިމްކުރުން ހިމެނޭ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމްކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ. އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވުމާ، މިދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނޭ. މުޅި މަޝްރޫއަށް ޖީ.ސީ.އެފް އިން ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ 23,636,364.00 (ތޭވީސް މިލިއަން ހަސަތޭކަ ތިރީސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ހަތަރު ޔޫ.އެސް ޑޮލަރު) ޔޫ.އެސް ޑޮލަރު ދިވެހި ސަރުކާރަށް ވަނީ ލިބިފައެވެ.

Advertisement

ރ.މަޑުއްވަރީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑް އިންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.

މި މަޝްރޫޢުގެ ދަށުން ރ.މަޑުއްވަރީ ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރެވިގެން ދާނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން އާ ޙަވާލުކުރެވިފައި ވަނީ 30,538,893.81ރ. (ތިރީސް މިލިއަން ފައްސަތޭކަ ތިރީސް އަށް ހާސް އަށް ސަތޭކަ ނުވަދިހަ ތިން ރުފިޔާ އަށްޑިހަ އެއް ލާރި) އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ނޮވެންބަރު 2019 އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ރ.މަޑުއްވަރީގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެއެވެ.

 

Advertisements