މާލޭ ބާޒާރުގައި ލޮނުމެދާއި ޓޮމާޓޯ އަދި އިނގުރު ހިމެނޭހެން ބައެއް ތަކެތީގެ އަގު ބޮޑުތަނުން މައްޗަށް އުފުލިއްޖެއެވެ.

ކުރިން ކިލޯއެއް 16-18 ދެމެދު ލިބެން ހުރި ޓޮމާޓޯ މިހާރު ލިބެން ހުރީ 40-45 ދެމެދުގެ އަގަކަށެވެ. 12 ކިލޯގެ ޓޮމާޓޯ ކޭހެއް ބާޒާރުގައި މިހާރު ވިއްކަމުން ދަނީ 450 އަށެވެ. ކުރިން ކޭހެއް ވިއްކަމުން ދިޔައީ 180 ރުފިޔާއަށެވެ.

ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައިވާ އެއްބާވަތަކީ އިނގުރެވެ. 10 ކިލޯގެ އިނގުރު ކޭހެއް ކުރިން 380 އާއި 400 ދެމެދު ގަންނަން ލިބެން ހުރިިއިރު މިހާރު ކޭހެއް ގަންނަން ލިބެން ހުރީ 700 ރުފިޔާއިން މަތީގައެވެ. ބާޒާރުގައި ވަކިން ކިލޯއް ލިބެން ހުރީ 80-85 ރުފިޔާއަށެވެ.

ލޮނުމެދު ކިލޯއެއް މިހާރު ލިބެން ހުރީ ކިލޯއެއް 60 ރުފިޔާއަށެވެ. ކުރިން ލޮނުމެދު ކިލޯއެއް ލިބެން ހުރީ 35-40 ރުފިޔާއަށެވެ. ބާޒާރުގެ އެހެނިހެން ތަކެތީގެ އަގަށް ބަލާއިރު ކުރިން 25-30 ރުފިޔާއަށް ލިބެން ހުރި ކިއުކަމްބާ ކިލޯ މިހާރު ލިބެން ހުރީ 55 ރުފިޔާއަށެވެ. ކުރިން ކިލޯއެއް 15 ރުފިޔާއަށް ލިބެން ހުރި ދިވެހި ބަރަބޯ ކިލޯއެއް މިހާރު ލިބެން ހުރީ ކިލޯއެއް 25 ރުފިޔާއަށެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ ފިޔާގެ އަގުވެސް މިހާރު ވަނީ މައްޗަށް ޖެހިލާފައެވެ. މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ފިޔާ ކިލޯއެއް ބާޒާރުގައި 10-12 ދެމެދު ލިބެން ހުރިނަމަވެސް މިހާރު ފިޔާ ކިލޯއެއް ލިބެން ހުރީ 18-20 ދެމެދުގައިކަން ފާހަގަ ކޮށްލެވެއެވެ.