ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން، މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ނިމި، ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށަން ޕްލޭނިން މިނިސްޓްރީން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ގޯތީގެ ގުރުއަތު ނެގުމުގެ ހުރިހާ މަސައްކަތްތައް ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ނިމިފައެވެ. ގުރުއަތު ނެގުމަށް ނާދެވުނު މީހުންނަށް ވެސް އިތުރު ފުރުސަތެއް ވެސް ވަނީ ދީފައެވެ. ގުރުއަތު ނަގަން ނާދެވުނު މީހުންނާއި ބަދަލުގައި މީހަކު ނުފޮނުވާ މީހުންގެ ގުރުއަތު ވެސް، މިނިސްޓްރީގެ އޮފިޝަލުން މެދުވެރިކޮށް މިހާރު ވަނީ ނަގައިފައެވެ.

މިނިސްޓަރީން މައުލޫމާތު ދިން ގޮތުގައި އެމިނިސްޓަރީން މިހާރު ތައްޔާރުވަނީ ގޯތި ލިބުނު މީހުންނަށް ލިޔުން ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އެގޮތުން މިނިސްޓްރީން މަސައްކަތް ކުރަނީ އަންނަ ބުރާސްފަތި ދުވަހު، ގޯތީގެ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ފެށުމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގޯތި ލިބުނުކަމުގެ ލިޔުމެއް ދިނުމުގެ ބަދަލުގައި، ގޯތީގެ ރަޖިސްޓްރީ ވެރިފަރާތާ ހަވާލުކުރަން ކަމަށް މިނިސްޓަރީން މައުލޫމާތުދެއެވެ.

ޕްލޭނިން މިނިސްޓްރީން އަންނަނީ ހުޅުމާލެއިން ބިން ލިބުނު މީހުންގެ ބިން ކަނޑާއި އެމީހުންނަށް ބިންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކާ ނިމެމުންދާ ވަރަކަށް، އެތަންތަނުގެ ބިންތައް ކަނޑާ ހަވާލުކުރުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފައެވެ. ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުން ނިންމާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫނުކުރާތާ 40 އަށްވުރެ ގިނަ އަހަރު ވެފައިވާތީ، މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބަންޑާރަ ގޯތި ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވަރަށް މުހިންމު ވައުދެކެވެ.

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން 19،639 މީހުންނަށް ގޯތި ލިބުނެވެ. އެއީ 9000 އަށް ވުރެ ގިނަ ބިމެވެ. ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ތަން ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ގުރުއަތުނެގުން ހަފްތާއަކަށް ވަނީ ކުރިއަށް ގެންދިޔަ އެވެ. ގުރުއަތުލުން ކުރިއަށްގެން ދިޔައީ ގަލޮޅުގަނޑުގަ އެވެ.

މި ޕްރޮޖެކްޓްގައި ހުޅުމާލެއިން 1،351 ބިން، ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެ އެވެ. އެއީ ޖުމްލަ 9،001 ގޯއްޗެވެ.