އަމިއްލަ މީޑިއާތައް ހިންގުމަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުގެ ވަކި ޕަސެންޓެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތުގައި ވަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރާނެ ކަންތައްތަކުގެ ތެރޭގައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހިމަނާފައެވެ.

"ހެޔޮވެރިކަން" ސިޔާސަތުގެ ދަށުން މީޑިއާގެ މިނިވަންކަން ކަށަވަރުކުރުން ހިމެނެއެވެ. އެގޮތުން މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރެޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާތަކާ ގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރުން ހިމެނެއެވެ.

ޕްރައިވެޓް މީޑިއާތަކަށް މިހާރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް މާލީ ދަތިތަކަމަށް ހައްލެއް ހޯދައިދިނުމަށް އެ ސިޔާސަތުގައި ވަނީ ހިމަނައިފައެވެ. މާލީ ދަތިކަމަކީ މީގެ ކުރިން އެކި ޕްލެޓްފޯމުތަކުގައި މީޑިއާތަކުގެ ވެރިން ހިއްސާކޮށްފައިވާ ކަންބޮޑުވުމެކެވެ. މިހާރު މީޑިއާތަކުން ބަރޯސާވާން ޖެހެނީ ސްޕޮންސާޝިޕްގެ ދަށުން ދޭ ފައިސާއަށެވެ.

"މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަކަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރާނެ. މި ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅާނެ،" މެނިފެސްޓޯގައި ބުނެފައިވެއެވެ.

މީގެއިތުރުން ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބެނުންވާ، ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ. ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން، ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް، ފިލްމް، ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން އެސްއެމްއީ ބޭންކް މެދުވެރިކޮށް ހަމަޖައްސައިދިނުމަށްވެސް ހިމަނާފައިވެއެވެ.

ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ހަބަރާއި މައުލޫމާތުތަކަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލްކޮށް ފޯރުކޮށްދޭ ކޮންޓެންޓަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.