ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވި އަހްމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) އަވަހާރަ ވެއްޖެއެވެ. އުމުރުން 72 އަހަރުގައި، ސަންދާން އަހަންމައިދީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން ރޭ ފަތިހުގެ ވަގުތެއް ގައެވެ.

އަހަންމައިދީގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.

އައްޑޫ ސިޓީއަށް އުފަން ސަންދާނު އަހައްމައިދީއަކީ އަހައްމައިދީއަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހުއްޓިފައި އޮތް ދުވަސްވަރު، އިންޓަރނެޓްގެ ޒަރީއާއިން ނެރެން ފެށި ސަންދާންގެ އިންޓަނެޓް މަޖައްލާގެ އިސް މޭސްތިރިއެކެވެ.

މި މަޖައްލާ ނެރުއްވައި އޭރު ދައުލަތާއި، ރައީސަށް ފާޑުވިދާޅުވެ ލިޔުއްވި ބައެއް އާޓިކަލް ތަކާއި ގުޅިގެން 2002 ވަނަ އަހަރު އަހައްމައިދީ އުމުރަށް ޖަލަށް ލެއްވިއެވެ. ނަމަވެސް އޭގެ ފަހުން 2006 ވަނައަހަރު އަހައްމައިދީއަށް ވަނީ މާފު ދެއްވާފައެވެ. އަހައްމައިދި އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެކި ދުވަސްވަރުމަތިން އުފެދުނު ހަލަބޮލިކަމުގައި ގައުމު ހަމަމަގަށް އެޅުވުމުގައި މީޑިއާތަކާއި، މިނިވަން މުއައްސަސާތަކާއި، އަދި ސިޔާސީ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރެއްވި ޖެހިލުން ކުޑަ ބޭފުޅެކެވެ.

އަހައްމައިދީ ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ގައުމީ ޕާޓީގެ ޑރ.ހަސަން ސައީދަށް ތާއީދު ކުރައްވައި އެޕާޓީގައި މުހިންމު ދައުރެއް އަދާކުރެއްވުމާއި، 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ގެނައުމަށްވެސް އަހަންމައިދި މަސައްކަތް ކުރެއްވިއެވެ.