ކްލަބު މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ "18/30 ވިމެން ފިއެސްޓާ" ގެ ޗެމްޕިއަންކަން ޓީމް ފެނަކަ ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި، 3-1 ގެ ނަތީޖާއަކުން، ޕޮލިސް ކުލަބް ބަލިކޮށް، ޓީމް ފެނަކައިން މިވަނީ ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހާސިލުކޮށްފައެެވެ.

ރޭގައި ކުޅުނު މެޗުގައި ފެނަކައިން ދެ ލަނޑު ޖަހާފައިވަނިކޮށް ޕޮލިސް ކުލަބުން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެހެންނަމަވެސް، ނަތީޖާ ހަމަހަމަ ކުރާނެ އެއްވެސް ފުރުސަތެއް ޕޮލިހަށް ނުދީ ފެނަކައިން އަނެއްކާވެސް ލަނޑެއް ޖަހައި ވަނީ ލީޑް ފުޅާ ކޮށްފައެވެ.

މިއީ ފެނަކައިން ކްލަބު މޯލްޑިވްސް ކަޕް ހޯދި ދެވަނަ ފަހަރެވެ. ރާއްޖޭގެ އޮފީސް ތަކަށާއި ކޮމްޕެނީތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ފެނަކައިން އެންމެ ފަހުން ކާމިޔާބު ކޮށްފައިވަނީ 2017 އަހަރުގައެވެ. އެފަހަރު ޓީމް ފެނަކައިން ތަށި އުފުލާލީ އެމްޕީއެލް އަތުން މޮޅުވެގެންނެވެ.

ރޭގައި ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކައިގެ އެންމެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން މަރިޔަމް މިފްރަތްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަހުލާއެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ އިނާޝާއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ފެނަކައިގެ ތިން ކުޅުންތެރިއަކު ވަނީ ހިމެނިފައެވެ. އެއީ ޝަހުލާ، ނޫރާ އަދި ހަދީޖާއެވެ.

ގުރުއަތުލުން ބޭއްވި ފަހުން އެމްޕީއެލް މުބާރާތުން ވަކިވުމާ ގުޅިގެން، މިފަހަރުގެ 18/30 މުބާރަތް ކުރިއަށް ދިޔައީ، ފެނަކައާއި ޕޮލިސް އަދި ދިވެހި ސިފައިންގެ ކުލަބްގެ މެދުގައި ލީގް އުސޫލުން ދެބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާ ގޮތަށެވެ.