ރ. ކިނޮޅަހުގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް މި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ކުރެއްވި ޒިޔާރާތުގައެވެ.

ކިނޮޅަހަށް ވަޑައިގެން ރައީސް ވަނީ އެރަށު ބަނދަރާއި އައު އިންޖީނުގެއާ ފެނަކަ އޮފީސް ހުޅުއްވައިދެއްވައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ކިނޮޅަހު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުންކުރުމާއި 162 މީޓަރު ސަރަހައްދުގައި ގްރޮއިން ޖެހުމާއި 285 މީޓަރުގެ ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުން އަދި 186 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ހިމެނެއެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އާ ހަވާލުކޮށްގެންނެވެ.

ކިނޮޅަހުގެ އައު އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ޒަމާނީ ވަސީލަތްތަކާއެކު މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އިންޖީނުގެއެކެވެ. އިންޖީނުގޭގެ ކެޕޭސިޓީއަކީ 688 ކިލޯވޮޓެވެ. މި އިންޖީނުގޭގެ އިތުރުން ރައީސް ވަނީ ފެނަކަ އޮފީސްވެސް ހުޅުވައިދެއްވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.