ޖެންޑާ މިނިސްޓްރީ ކައިރީގައި ކުރި ސުލްހަވެރި އިހުތިޖާޖުން ހައްޔަރު ކުރި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެ އެއްވުމުން ހައްޔަރުކުރި މީހުންނަކީ އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހުން ކަމަށެވެ. ނަމަވެސް ކޯޓަށް ނުގެންގޮސް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އެ އެންމެން ދޫކޮށްލާފައެވެ.

އިދިކޮޅުން އިއްޔެ ކުރި އިހުތިޖާޖަކީ ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއާ ބައްދަލުކުރުމަށް އެދި ފޮނުވާފައިވާ ސިޓީއަށް ޖަވާބެއް ނުލިބި ތިން މަސްދުވަސް ވެފައިވާތީއާއި އަދި އަންހެނުންނާ ގުޅުންހުރި މައްސަލަތަކުގައި އިންސާފު ނުލިބޭތީ ކުރި އިހުތިޖާޖެކެވެ.

އެ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ފާޠިމަތު ރުޚްޝާނާއާއި މާފަންނު ސްޓިއަރިންގ ކޮމިޓީގެ ސެކްރެޓަރީ އާމިނަތު ނާސިހާއާއި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ކަމަށްވާ ފާޠިމަތު ފައުޒިއްޔާއާއި އާމިނަތު ނަޒީރާއާއި ޒުބައިރާ މުޙައްމަދެވެ.