ހދ.ހަނިމާދޫގައި ޤާއިމްކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒްގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

މިކަމަށް ޓަކައި އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް އެެވެ.

އެމްއެންޑީއެފްއިން ބުނީ ދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒް ގާއިމް ކުރުމަށްޓަކައި، ހަނިމާދޫން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައިވާ ކަމަށެވެ. އަދި ހަނިމާދޫގައި ޤާއިމްކުރާ ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކްއޯޓަރޒްގެ މަސައްކަތްތައް ރޭވިފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެން ކަމަށެވެ.

އަދި މި ޕްރޮޖެކްޓްގެ މަސައްކަތްތައް ތާވަލް ކުރެވިފައިވާ ގޮތުން، ފޭސް 1 ގެ މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ. އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމްކުރާ މި މަރުކަޒުގެ މަސައްކަތްތައް ނިމި، ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒްގެ ދާއިމީ މަރުކަޒަށް ބަދަލުކުރެވުމުން ނޮދަން އޭރިއާ ކޮމާންޑްގެ އަސްކަރީ ޤާބިލްކަށް މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރު ބަޖެޓުން 35 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން އުތުރުގައި ޤާއިމްކުރާ ސިފައިންގެ އެންމެ ބޮޑު މަރުކަޒެވެ.

ސިފައިންގެ ހިންގުން ހަރުދަނާ ކުރުމަށް ސިފައިންގެ ލީޑަރޝިޕުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، 2019 ވަނަ އަހަރު އެކުލަވާލި އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީންގައި ބަޔާންކޮށްފައިވާ ގޮތަށް ސިފައިންގެ ފޯސް ސްޓްރަކްޗަރއަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކޮށް، އާލާތްތަކާއި ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ދަނީ ކުރެވެމުންނެވެ.

އަދި މިހާރު ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހަ ރަށެއްގައި ސިފައިންގެ ހަތް މަރުކަޒު ޤާއިމްކުރެވި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.