ފުލުހުންގެ ސެކިއުރިޓީ ކެމެރާތަކަށް ހުރަސް އެޅޭ ގޮތަށް ހަރުކޮށްފައިވާ ކެމްޕޭން ތަކެތި 24 ގަޑިއިރު ތެރޭ ނަގަން އިލެކްޝަންސް ކޮމިޝަނުން މިއަދު އަންގައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު އެކްސްގައި ވިދާޅުވީ މާލެސިޓީގެ އެކި ސަރަހައްދުތަކުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކޮށްފައިވާ ސެކިޔުރިޓީ ކެމެރާތަކާއި، މާލެސިޓީގެ މަގުތަކާއި، ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް، ރިޔާސީ ކެންޑިޑޭޓުންގެ ކެންޕޭން މެޓީރިއަލްސް ބަހައްޓަމުން ގެންދާތީ، އެކަން އެގޮތަށް ނުކުރުމަށެވެ.

އަދި އެގޮތަށް ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ މުހުލަތުގައި ނަގައި ނިންމުމަށް ކެންޑިޑޭޓުންނަށާއި، ޕާޓީތަކަށް އީސީ އިން އަންގާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެއިތުރުން ހަބީބު ވިދާޅުވީ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާ އެކީ އީސީ އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައްދަލުކުރި ދުވަހުވެސް މި ވާހަކަތައް ދަންނަވާފައިވާނެ ކަމަށާއި އެފަދަ ގަވާއިދާ ޚިލާފު ކަންކަން ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އިންތިހާބުތަކާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކެންޑިޑޭޓުންނަށް އިރުޝާދު ދެވިފައިވާ ގޮތުގެމަތީން، ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން ނޫންގޮތަކަށް، މަގުތަކުގަޔާއި، ޢިމާރާތްތަކުގައި، ކެމްޕޭން އެއްވެސް އެއްޗެއް ހަރުކޮށް، ދަމައި އަދި ހިއްޕާ ނުހެދުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އެދޭ ކަމަށާއި އަދި މިފަދަ ކަންކަން ހުއްޓުވުމަށް، ކޮންމެ ފަހަރަކު، ފުލުހުން ބޭނުންކުރުމަކީ ކޮމިޝަނުން ބޭނުންވާ ގޮތެއްނޫން ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އަދި ޕާޓީތަކުން މިހާރަށް ވުރެ ޒިންމާދާރު ކަމާއެކު، މިފަދަ ކަންކަމުގައި، ޢަމަލު ކުރަން ޖެހޭ ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.