ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިނިސްޓަރު ކަމުގައި ހުންނަވައިގެން، ގަވާއިދާ ހިލާފަށް ޑޮމެއިން ވިއްކައިގެން ކަޅު ފައިސާ ރައްކާ ކުރަމުންދާކަމުގެ ތުހުމަތު ޓްރާންްޕޯޓު މިނިސްޓްރީގެ ނައިބު ހަމަދު އަބްދުލްއަނީ ކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ ގަވާއިދުތަކާއި އަދި އުސޫލުތަކާއި ހިލާފަށް ހިނގަމުންދާ ގިނަ ކަންތައްތަކެއް ބަޔާންކޮށް، ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއަށް އެޑްރެސްކޮށް ހަމަދު ފޮނުއްވި ސިޓީ މިހާރު ވަނީ އެކްސް.ކޮމްއިން ޓުވީޓު ކޮށްފައެވެ.

ހަމަދު ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ހަމަދާ ހަވާލުކޮށްފައިވާ އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުފަތުރާގުޅޭ އެންމެހައި މަސައްކަތްތައް ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރާ ހަވާލުކޮށްފައިވާކަމަށް އަންގަވައި، 27 އޯގަސްޓް 2023ގައި މިނިސްޓަރު ނަހުލާ ހަމަދުއަށް ފޮނުވި މެމޯއަށް ރައްދުދެއްވައި، ނަހުލާއަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައި މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ދައުލަތުގެ އެންމެހައި މުދަލާއި ފައިސާ ހެޔޮގޮތުގައި ފަރުވާތެރިކަމާއެކު ބެލެހެއްޓުމުގެ ބަދަލުގައި، އެކަންކަމުން ނަހުލާ ގަވާއިދާ ހިލާފަށް މަންފާ ހޯއްދަވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

ހަމަދުގެ ސިޓީގައި ކަނޑައެޅިފައިވާ ގަވާއިދުގެ ބޭރުން ޑޮމެއިން ވިއްކައިގެން، ނަހުލާ ގާނޫނާއި ގަވާއިދާ ހިލާފުވެފައިވާކަމަށް ހަމަދު ކޮށްފައިވާ ތުހުމަތުތަކެވެ.

ގާނޫނާއި ހިލާފަށް ޑޮމެއިން ވިއްކައިގެން ނަހުލާ ކަޅުފައިސާ ހޯދާފައިވާކަމަށް އޭނާ ތުހުމަތު ކޮށްފައިވާއިރު، އެފައިސާ ރައްކާ ކޮށްފައި ހުރި ތަންތަން ފުލުހުންނާއި އަދި ކަމާއި ގުޅުންހުރި އިދާރާތަކާއި ހިއްސާކުރަން ވެސް ތައްޔާރަށް ހުރިކަމަށް ހަމަދު ވަނީ ވިދާޅުވެފައި ވެއެވެ.

ޑޮމެއިން ވިއްކުމުގައި ކަނޑައެޅިފައިވާ ގަވާއިދުގެ ބޭރުން ޑޮމެއިން ވިއްކައި ގާނޫނާއި ގަވާއިދާ ހިލާފުވެފައިވާކަމެވެ. ޑޮމެއިން ވިއްކައިގެން ލިބުނު ކަޅު ފައިސާ ރައްކާކޮށްފައިވާ ތަންތަން ފުލުހުންނާއި، ކަމާބެހޭ އިދާރާތަކާ ހިއްސާކޮށް، މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ ވަނަވަރު އިދާރާތަކާ ހިއްސާކުރަން އަޅުގަނޑު ފަސްނުޖެހޭނެ ހިނދު، އަމާނާތްތެރިކަމުގެ ސިފައާއި އިހުލާސްތެރިވުމަށް އޮންނަ އޮތުމާ މިނިސްޓަރު ހިލާފުވެފައިވާ ކަމެވެ..
ހަމަދު ނަހުލާއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެއެވެ

މިނިސްޓީން މީގެ ކުރިން ދީފައިވާ އެސްޓީއެސް (ޝިޕް ޓު ޝިޕް ޓްރާންސްފަރ) އެޕްރޫވަލްތަކާ ގުޅިގެން މިނިސްޓަރުގެ ސަމާލުކަމަށް، 22 އޮގަސްޓު 2023 ގައި އީމެއިލް މެދުވެރިކޮށް، ހަމަދު ގެނެސްފައިވާ ކަންކަމާ ގުޅިގެން އެކަންކަން އިސްލާހްކުރުމަށްވެސް އަވަސް ފިޔަވަޅުތަކެއް މިނިސްޓަރ ނަހުލާ އަޅުއްވާފައި ނުވާކަމަށްވެސް މިސިޓީގައި ހަމަދު ވަނީ ފާހަގަކުރައްވާފައެވެ. މި އެޕްރޫވަލްތައްވެސް ގުޅިލާމެހިފައިވަނީ ނަހުލާ "އަމިއްލަ މަންފާއަށް" "ހޯއްދަވާ ކަޅުފައިސާތަކާ" ކަމުގައި ހަމަދުގެ ސިޓީގައި ވަނީ ތުހުމަތު ކުރައްވާފައެވެ.

ހަމަދުގެ ސިޓީގައި ނަހުލާއަށް އެތައް ގިނަ ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން، މިނިސްޓަރ އޮފީހަށް ވަޑައިނުގެންނެވޭ ހާލުގައި ހުންނަވާއިރު ބަރާބަރަށް ނިސްބަތްވާ ސިޔާސީ ޕާޓީގެ ބައްދަލުވުންތަކަށް ވަޑައިގެންނެވޭކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ހަމަ މިއާއެކު ހަމަދު ވިދާޅުވެފައި ވަނީ ނުކިއްސަރު މަގުން ޑޮމެއިން ވިއްކެވުމުގެ ކަންކަމުގައި މިނިސްޓްރީއަށް ވަދެވަޑައިގަންނަވާކަން އެނގިވަޑައިގަންނަވާކަމަށެވެ.

އަދިވެސް އިތުރުން ސިޓީގައި ހާމަކޮށްފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދެއްކުމުން އެއިން ކަމެއް ނުބައްލަވައި، އެކި ގޮތްގޮތަށް ބިރު ދެއްކުމާއި އަދި ބިރުދެއްކުމުންވެސް ހަމަަދު ފަހަތަށް ނުޖެހުމުން، ނުލިބޭ ބާރުގެ ބޭނުންކޮށްގެން ހަމަދާ ދެކޮޅަށް ނަހަމަ ގޮތުގައި ނަހުލާ މަގާމުގެ ނުފޫޒު ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުވެސް ވަނީ ކުރައްވާފައެވެ.