ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސާލިހް، ލ. އިސްދޫ އަދި ކަލައިދޫގެ އިތުރުން އެއަތޮޅު ދަނބިދޫގެ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. ރައީސް މި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވީ މިހާރު އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ދެރަށަށް ވަޑައިގެންނެވެ.

އެމަނިކުފާނު މިއަދު މެންދުރުފަހު ވަނީ ލ. އިސްދުއަށް ވަޑައިގެން އިސްދޫ ބަނދަރު ހުޅުއްވައިދެއްވައި އިސްދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. އަދި އެމަނިކު ފާނު މިއަދު ވަނީ ކަލައިދޫގެ ފެނުގެ ނިޒާމާއި ދަނބިދޫގެ ފެނުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

މީގެއިތުރުން އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 160 މީޓަރުގެ ބޭރުތޮށި ލުމާއި، 48 މީޓަރުގެ އެއްގަމު ތޮށިޖެހުމާއި 98 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ކޮށްފައިވެއެވެ. އަދި އެމަނިކުފާނު މިއަދު ނިމުން ފާހަގަކޮށްދެއްވި އިސްދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

އަދި ކަލައިދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި ލ. ދަނބިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.