ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިލެެއްވުމަކަށް ރައްޔިތުންގެ މަޖިލީސް އިދާރާއިން ފުލުހުންގެ އިދާރާއަށް ހުށަހެޅި މެންބަރުން ރިޝްވަތުގެ މައްސަލަ ފުލުހުން ބަލައިނުގަތުމަށް ނިންމައިފިއެވެ.

އެ މައްސަލަ އިއްޔެ ހެނދުނު މަޖިލީސްގެ ފަރާތުން ފުލުހަށް ހުށަހަޅިއިރު، މިއީ ރިޔާސީ އިންތިހާބާއި ގުޅިގެން މަޖިލީސް މެންބަރުން ރިޝްވަތު ނަގާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

މަޖިލީހުގެ އިދާރާ އިން ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވި ސިޓީގައި މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދޭކަމަށް ތުހުމަތު ކޮށްފައި ވީ ނަމަވެސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގެއް ފެށުމަށް ބޭނުންވާ އަސާސީ މައުލޫމާތު ފޯރު ކޮށްދީފައި ނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހަމައެހެންމެ ޖިނާއީ މައްސަލައެއް ރަޖިސްޓަރީ ކުރެވިދާނެ ކަމަށް ނުފެންނަކަމަށް ސިޓީއަކުން މަޖިލީހަށް އަންގާފައިވާނެ ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވިއެވެ.

އެފަދަ ކަމަކާ ގުޅޭ މައުލޫމާތު ހުރިނަމަ، ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ މައި އިހްތިސާސް އޮންނަ ފަރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ކަަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަ ހުށަހަޅަންވާނީ އޭސީސީއަށް ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ދެކޭ ވާހަކަ ދަންނަވާފައިވާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ހަމައެހެންމެ އޭސީސީން އެފަދަ ތަހުގީގަކަށް އެހީތެރިކަމަށް އެދެފިނަމަ ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ނަޝީދު ވަނީ ރައިސް އިބްރާހިމް މުހައްމަދު ސާލިހް ލަދެއް ނެތި، ބިރެެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލީސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތުދެމުންދާ ކަަމަށް ވިދާޅުވެފައެވެ.