ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް، ލ. މާމެންދޫ އަދި ފޮނަދޫގެ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް ދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވީ މިހާރު އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ދެރަށަށް ވަޑައިގެންނެވެ.

ރައީސް އިއްޔެ މެންދުރުފަހު ވަނީ މާމެންދުއަށް ވަޑައިގެން އެރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް، ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަދި ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ. މީގެ އިތުރުން ލ. ފޮނަދުއަށް ވަޑައިގެން އެރަށު ފެނަކަ އޮފީސް އިމާރާތްވެސް އެމަނިކުފާނު ވަނީ ހުޅުއްވައިދެއްވާފައެވެ.

މާމެންދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މާމެންދޫ އައު އިންޖީނުގެއާ އަދި ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަންތަނެވެ. މާމެންދޫގެ ކުރީގެ އިންޖީނުގެއިން ކަރަންޓްދެވޭ ކެޕޭސިޓީއަކީ 820 ކިލޯވޮޓް އެވެ. ނަމަވެސް އައު އިންޖީނުގެއާއެކު މިހާރު މި ކެޕޭސިޓީ ވަނީ 1060 ކިލޯވޮޓަށް އިތުރުކުރެވިފައެވެ.

އަދި މާމެންދޫ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ރައިޒަރ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިތުރުކުރި އިމާރާތުގައި އޮފީސް، ޕަބްލިކް ހެލްތު، ހެލްތު އެޑިއުކޭޝަން ރޫމް އަދި ސްޓޯރ ހިމެނެއެވެ. މީގެ އިތުރުން މި މަޝްރޫއުގައި ލެބޯޓްރީ ހެދުމަށްޓަކައި ސިއްހީ މަރުކަޒަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންވެސް ހިމެނިފައިވެއެވެ.

ރައީސް ހުޅުއްވައިދެއްވި މާމެންދޫ ފުޓްބޯޅަ ދަނޑަކީ ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ދަނޑެކެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އަދި ފޮނަދޫ ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަސީލަތްތަކާއެކު ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި ތަރައްގީކޮށްފައިވާ އިމާރާތެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.