ރަށުން ބޭރުގައި ރޭ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކާމިޔާބު ކުރިން ހަމައެކަނި ލަނޑުން ބާންލީ 1-0 އިން ބަލިކޮށް ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނަށް މެންޗެސްޓަރ ޔުނައިޓެޑް ޖެހިލައިފިއެވެ.

ގަދަ ފިނީގައި ކުޅުނު މިމެޗް ކާމިޔާބުކޮށް ފާޑުކިޔުންތެރިން ބަސްހުއްޓުވާލުމަށްފަހު ޕޮގްބާ އާއި މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ ކުރީގައި ހަމަޖެހިލީ 33 ޕޮއިންޓާއެކުއެވެ. އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ތާވަލުގެ ދެވަނައިގައި އޮތީ 30 ޕޮއިންޓާއެކުއެވެ. ދެޓީމުވެސް މިހާތަނަށް 17 މެޗް ލީގުގުގައި ކުޅެފައިވާއިރު އަންނަ އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލާއި މެން.ޔުނައިޓެޑް ބައްދަލު ކުރާނެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު މިދެޓީމު ބައްދަލު ކުރިއިރު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޭރު އޮތީ މެން.ޔުނައިޓެޑަށްވުރެ އިތުރަށް 27 ޕޮއިންޓް ހޯދައިގެންނެވެ.

ބާންލީ އަތުން މެން.ޔުނައިޓެޑް މޮޅުވި މެޗުގައި ފުރަތަމަ ހާފުގައި ކެޕްޓަން ހެރީ މަގުއިރޭ ވަނީ ބޮލުން ލަނޑެއް ކާމިޔާބު ކޮށްފައެވެ. އެކަމަކު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މެން.ޔުނައިޓެޑަށް ހަމަޖެހުމެއް ލިބުނީ 71 ވަނަ މިނެޓުގައި ޕޮގްބާ ކާމިޔާބު ކުރި ލަނޑުންނެވެ. ސީޒަނުގެ ކުރީކޮޅު ކޯޗް އޮލަގުނަ ސޯލްޝެޔާއާ މައްސަލަތަކެއްޖެހި ފުރަތަމަ އެގާރައިން ޖާގަ ނުލިބުނުނަމަވެސް ލީގުގައި މެން.ޔުނައިޓެޑް އެންމެފަހުން ކުޅުނު 4 މެޗުގައި ޕޮގްބާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މެޗަށްފަހު ސޯލްޝެއާ ވަނީ ޕޮގްބާއަށް ތައުރީފް ބަންޑުންކޮށްލާފައެވެ. "އަހަރެން އަބަދުވެސް ބުނަން ޕޮގްބާއަކީ ވަރަށް މުހިއްމު ކުޅުންތެރިޔެއް ކަމަށް. ޗޭންޖިން ރޫމުގައިވެސް އޭނާގެ ނުފޫޒުގަދަ. އެހެން ކުޅުންތެރިން ޕޮގްބާ ނަމޫނާއަކަށް ބަލާ. ނުބަލަންވީ ސަބަބެއްވެސް ނެތް. އޭނާއަކީ ދުނިޔޭގެ ޗެމްޕިއަނެއް. މިވަގުތު ޕޮގްބާ އެހުރީ އެންމެ މަތީ ފޯމުގައި" ސޯލްޝެއާ ބުންޏެވެ.

މިމެޗުގައި އެންމެ ގިނަ ޕާސްތަކާއި ޓަޗްތައް ޖައްސާފައި ވަނީ ޕޮގްބާއެވެ. މީގެ އިތުރުން އެންމެ ގިނަ ފައުލްތައް އަމާޒުވީވެސް ޕޮގްބާއަށެވެ.

ލީގުގައި މިރޭ ދެމެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ އާއި ބްރައިޓަން ބައްދަލު ކުރާނީ ރާއްޖޭ ގަޑިން 23:00 ގައެވެ. ޓޮޓެންހަމް އާއި ފުލަމް ބައްދަލު ކުރާ މެޗް ފަށާނީ ދަންވަރު 1:30 ގައެވެ.

-ގޯލް.ކޮމް-