ޅ. ހިންނަވަރުގައި ސަރުކާރުން ހިންގާފައިވާ ބަނދަރު ތަރައްްްގީކުރުމުގެ މަޝްރޫއުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ފާހަގަ ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު އެއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭގެ ވަގުތެއްގައެވެ.

ހިންނަވަރުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރާއި ނެރު ފުންކުރުމާއި، 123.92 މީޓަރުގެ ބޭރުތޮށި ލުމާއި، 114 މީޓަރުގެ ގްރޮއިން ޖެހުމާއި، 653 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި، ބަނދަރާގުޅޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަހުރުވެރި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.