ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރިނަމަވެސް، އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެކަމުގެ ޔަގީންކަން ފުލުހުން މިއަދު ދެއްވައިފިއެވެ.
ފުލުހުން ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓް ލުމުގެ ހައްގު ގެއްލިގެންދާކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ.
މީގެއިތުރުން އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ވަކިވަކި ފުލުހުން ދާންޖެހޭ ތަންތަން ކުރިއާލައި ކަނޑައެޅި އެ ތަންތަނުގައި އެ ތަންތަނަށް ދާ ފުލުހުން ރީ ރަޖިސްޓަރީ ކުރެވިގެން ފުރިހަމަ އިންތިޒާމް ތަކެއްގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަމަށް ފުލުހުން ހާމަކުރައްވައެވެ.
އަދި އޮޕަރޭޝަންގައި ޑިޕްލޯއި ކޮށްފައިވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.