ދިވެހި މަސްވެރިންނަށް ހައްޤު މިންވަރު ލިބޭނީ މަސްބަންދުކުރާ މިންވަރު އިތުރުކުކޮށްގެން

0
މަސްވެރިކަމުންލިބޭ ނަފާ އިތުރުކުރުމަށް މަސްބަންދުކުރާ މިންވަރު އިތުރުކުރަންޖެހޭ

ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނީ މިފްކޯއިން ދަޅުގައި މަސް ބަންދުކުރާ މިންވަރު އިތުރުކޮށްގެންކަމަށް މިފްކޯގެ ބެލެނިވެރި ކުންފުނި، އެސްޓީއޯއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާބެހޭ ކޮމިޓީއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ މިފްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެލިވަރުގައި މަސް ބަންދުކުރުމުގެ ކެޕޭސިޓީ ކުޑަވުންކަމަށެވެ. އެގޮތުން މިފްކޯއިން ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި 120 ޓަނުގެ މަސް މަސްވެރިންގެ އަތުން ގަންނަކަމަށް އަމްރު ވިދާޅުވިއެވެ. ނަމަވެސް ފެލިވަރު ކާރުޙާނާއިން ދުވާލެއްގެ މައްޗަށް ބަންދުކުރެވެނީ 50 ޓަނުގެ މަސްކަމަށް އަމްރު ވިދާޅުވިއެވެ. އެހެންކަމުން ބާކީ 70 ޓަނުގެ މަސް ޖެހެނީ ގަނޑުކޮށްފައި ތައިލެންޑަށް ނުއަގުގައި ވިއްކާލަންކަމަށް އަމްރު ވިދާޅުވިއެވެ.

ތައިލެންޑަށް މަސް ވިއްކާއިރު ދިމާވާ ގެއްލުންތަކަށް އަލިއަޅުއްވާލައްވަމުން އަމްރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިންގެ އަތުން މަސް ޓަނެއް ގަންނަނީ 1950 ޑޮލަރަށްކަމަށާއި، ނަމަވެސް ތައިލެންޑަށް މަސް ޓަނެއް ވިއްކާލެވެނީ 1300 ޑޮލަރަށްކަމަށެވެ. އަދި ތައިލެންޑަށް ފޮނުވާ މަސް ބޭރުގެ ކުންފުނިތަކުން ރާއްޖޭގެ މަހުގެ ނަމުގައި ވިއްކާއިރު، އޭގެއިން އެމީހުން ބޮޑު ފައިދާއެއް ނަގާކަން އަމްރު ފާހަގަކުރެއްވިއެވެ. އެގޮތުން ފެލިވަރުގައި ބަންދުކުރާ މަސް ދަޅެއް ބޭރުގެ މާކެޓްތަކަށް ވިއްކާނީ 15 ރުފިޔާއަށްވުރެ އަގުހެޔޮކޮށްކަމަށާއި ނަމަވެސް ބޭރުގެ މާކެޓްތަކުގައި ރާއްޖޭގެ މަސް ބަންދުކޮށްފައި 50 ރުފިޔާއަށްވުރެ އަގުބޮޑުކޮށް މަސް ދަޅެއް ވިއްކާކަމަށް އަމްރު ވިދާޅުވިއެވެ.

Advertisements

“ކުރިންފެށިގެން މިހަދާ ގޮތަކީ ގަނޑުކޮށްފައި ވިއްކާލަނީ ތައިލެންޑަށް. ވިއްކާލީމަ ތައިލެންޑުގެ ފެކްޓަރީތަކުން ރާއްޖޭގެ މަސް ބަންދުކުރަނީ، ރާއްޖޭގެ މަހުގެ ނަމުގައި ބަންދުކޮށްފައި ވިއްކާލަނީ ޔޫރަޕަށާއި އެމެރިކާއަށް. ފެލިވަރުން ބަންދުކުރާ މަސްދަޅެއް ވިއްކަނީ 15 ރުފިޔާއަށްވުރެ ކުޑަކޮށް. ހަމަ އެދަޅު އެބައިން، ބޭރުގެ ބްރޭންޑެއްގެ ނަމުގައި 2.6 ޕައުންޑަށް ( 50 ރުފިޔާއަށް ) އެބަހުރި އަގު ޖަހާފައި ވިއްކަން ބޭރުގެ މާކެޓްތަކުގައި. ކޮންމެސް ބަޔަކު އޭގެއިން ފައިދާއެއް އެބަ ނަގާ” އަމްރު ވިދާޅުވިއެވެ.

މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ މިންވަރު އިތުކުރަން ސަރުކާރުންދަނީ މަސައްކަތްކުރަމުން

އަމްރު ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގެއް ދެވެން އޮތީ މަސްވެރިން ބާނާ ހުރިހާ މަހެއް ރާއްޖޭގައި ބަންދުކޮށްގެންކަމަށެވެ. ނަމަވެސް އެކަން ކުރަން ގިނަ އަދަދެއްގެ ފައިސާއާއި ވަގުތު ބޭނުންވާކަން އަމްރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެސްޓީއޯގެ ވިސްނުމަކީ ތައިލެންޑަށް ފޮނުވާ މަސް އެސްޓީއޯގެ ކޮންޓްރޯލް އޮވެގެން ބަންދުކޮށްގެން، ވިއްކަން ފެށުންކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެގޮތަށް އެކަން ކުރެވިއްޖެނަމަ މިފްކޯއަށް ބޮޑެތި ފައިދާތަކެއްވެ، ފެލިވަރަށްވެސް ކުރިއެރުންތަކެއް އަންނާނެކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރުގެ ވާހަކަފުޅުގައި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހިންގުމުގެ އުސޫލުތަކާއި އިންފްރާސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް ހުރިކަން އަމްރު ފާހަގަކުރެއްވިއެވެ.

މިފްކޯއަކީ ނަވާރަ ސަތޭކަ ނުވަދިޔަ ތިން ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ފެކްޓްރީ ހިންގަމުންދާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އެސްޓީއޯގެ ސަބްސިޑަރީއަކަށް ހަދާފައިވަނީ ދެހާސް ސޯޅަވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ.

Advertisements