އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ރާއްޖެއަށް 18.7 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި އެވެ.

މި އެހީ ފޯރުކޮށްދީފައި ވަނީ އެ ބޭންކުން ރާއްޖެއަށް އަމާޒުކޮށް މިހާރު ކުރިއަށްގެންދާ "ސްޓްރެންތްނިން ފިސްކަލް މެނޭޖްމަންޓް އެންޑް ސަސްޓެއިނެބަލިޓީ ޕްރޮގްރާމް"ގެ ތެރެއިންނެވެ. މި ޕްރޮގްރާމް އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އެހީ އަމާޒުކޮށްފައި ވަނީ ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށާއި ހިންގުން ހަރުދަނާ ކުރަން ސަރުކާރުން މެދު ރާސްތާގައި ކުރާ މަސައްކަތް ތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

މީގެ އިތުރުން އެ ޖަމިއްޔާގެ "ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް ޑެޓް މެނޭޖްމަންޓް" އިން އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީވެސް ވަނީ ރާއްޖެއަށް ފޯރު ކޮށްދީފައެވެ.

އަދި މި ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް އެހީތެރިވުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި:

  • މެދު ރާސްތާގެ އާމްދަނީ ޕްލޭނެއް ފާސްކުރުން
  • ރިސްކް މެނޭޖްމަންޓް ފްރޭމްވޯކެއް ތައާރަފްކުރުން
  • އިންކަމް ޓެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުން
  • ދައުލަތުގެ ދަރަނި މެނޭޖު ކުރުމާ ބެހޭ އާ ގާނޫނެއް މަޖިލީހަށް ހުށަހެޅުން
  • ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބަދަލުތަކެއް ގެނައުން
  • ސަސްޓެއިނަބަލް ފައިނޭންސިން ފްރޭމްވޯކެއް ތަންފީޒުކުރަން ފެށުން
  • އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ގާނޫނެއް މަޖިލީހަށް ހުށަހެޅުން ހިމެއެވެ.

އަދި މި ޕްރޮގްރާމްގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރު ކުރުމަށް ކްލައިމެޓް އެމަޖެންސީ ގާނޫނާއި ހަކަތައިގެ ގާނޫނު ތަންފީޒުކުރުމާއި ފެނާއި، ކަރަންޓު އަދި ސިއްހީ ފަރުވާގެ ސަބްސިޑީ، ހައްގުވެރިންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އޭޑީބީން ވަނީ މީގެ ކުރިންވެސް ބައެއް ޓެކްސްތަކާއި ގާނޫނުތައް ހަރުދަނާ ކުރަން ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ޖީއެސްޓީ، އެއާޕޯޓް ޓެކްސް އާއި ފީ ނެގުން އަދި ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނާއި ގްރީން ޓެކްސްއާ ގުޅޭ ގަވާއިދު އެ މަސައްކަތްތަކަކީ އެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ މަސައްކަތްތަކެވެ.