އީފާސް މޯބައިލްގެ ޕަބްލިކް ޕްރީވިއު 52،432 މީހުން ބޭނުންކުރަމުންދާ ކަމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބުނެފިއެވެ.

މިކަން އެންއައިސީޓީން އިއުލާން ކުރީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެނޫސް ބަޔާނުގައިވަނީ މެއި މަހުގެ 31 ވަނަ ދުވަހު އާންމު ތަޖުރިބާއަށް ހުޅުވާލި އީފާސް މޯބައިލް އެޕް، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 198،841 ފަހަރު، 49 ޕޯޓަލް މެދުވެރިކޮށް، ހިދުމަތް ހޯދަން ބޭނުންކޮށްފައިވާ ކަމަށެވެ.

އެގޮތުން އީފާސް ބޭނުންކޮށްގެން އެންމެ ގިނަ ހިދުމަތް ހޯދާފައިވާކަމށް އެންސީއައިޓީއިން ބުނީ ގެދޮރުވެރިން ޕޯޓަލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އާއި އެކްސްޕެޓް އޮންލައިން އަދި އާބަންކޯ، ގަވްއެމްވީ މެސެޖުގެ އިތުރުން އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަންއިން ކަމަށެވެ.

އީފާހަކީ ސަރުކާރާއި ދައުލަތުގެ އޮންލައިން 68 ޕޯޓަލެއް މެދުވެރިކޮށް ފޯރުކޮށްދޭ 500 އަށްވުރެ ގިނަ ހިދުމަތް ލިބިގަތުމަށް އުފައްދާފައިވާ އޮންލައިން ޕޯޓަލްއެކެވެ.އަދި މިއީ އެންސީއަައިޓީގެ ބެލުމުގެ ދަށުގައި ބަލަމުންދާ ނިޒާމެކެވެ.