ޔޫކްރޭނުގެ ގޮދަން ބޭރުކުރާ އެންމެ ބޮޑު ބަނދަރަށް ރަޝިޔާއިން ވައިގެ ހަމަލާތަކެއް ރޭ ދީފިއެވެ.

ގޮދަން ބޭރުކުރާ ޔޫކްރައިނުގެ އެންމެ ބޮޑު ބަނދަރަށް ރަޝިޔާއިން ވައިގެ ހަމަލާތަކެއް ދީފައި މިވަނީ، ޔޫކްރޭނުގެ ގޮދަން ބޭރުކުރާ ގުޅޭ ގޮތުން ރަޝިިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ރަޝިޔާގެ ކަޅުކަނޑުގެ ރެޒޯޓް ރަށެއް ކަމަށްވާ ސޯޗީގައި ބައްދަލު ކުރައްވަން މަދުގަޑިއިރުތަކެއް ވެފައި ވަނިކޮށެވެ.

ރަޝިޔާއިން ހަމަލާ ދީފައި ވަނީ ޔޫކްރޭނުގެ އޮޑެސާ ރީޖަންގެ "އިޒްމާއިލް ޕޯޓް" އަށެވެ. ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ގެއްލުމުގެ ތަފްސީލް ޔޫކްރޭނު ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް، އެސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނާއި ހަވާލާދީ "އަލްޖަޒީރާ" އިން ބުނެފައި ވަނީ އިޒްމައިލް ޕޯޓް ތެރެއިން ބާރުގަދަ ގޮވުންތަކުގެ އަޑު އިވުނު ކަމަށެވެ.

އިޒްމާއިލް ޕޯޓަކީ ޔޫކްރޭނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެފްރިކާ އަށާއި މެދުއިރުމައްޗަށް އަދި އޭޝިޔާއަށް ބޭރުކުރާ މައި ބަނދަރެވެ. ގޮވާން ބޭރުކުރުމަށް ރަޝިޔާއާއެކު ވެފައިވާ އެއްބަސްވުމާއި ޔޫކްރޭނުން ހިލާފްވެފައިވާ ކަމަށްބުނެ ޔޫކްރޭނުގެ ބަނދަރުތަކުން ގޮވާން ބޭރުކުރުން ރަޝިޔާއިން ހުއްޓުވާފައި އޮންނަތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެގެން ވަނީ ގޮސްފައެވެ.

ރަޝިޔާ އާއި ޔޫކްރޭނުގެ ހަނގުރާމައަށް ދޮޅު އަހަރުވެފައިވާއިރު، ހުޅަނގުން ދަނީ ޔޫކްރޭނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދީ ރަޝިޔާއާ ކުރިމަތިލުމަށް ހިތްވަރު ދެމުންނެވެ. އަނެއްކޮޅުން ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވަމުން ގެންދަވަނީ ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުތުތައް ޔޫކްރޭނާއި ހުޅަނގުން އެއްބަސްނުވާހާ ހިނދަކު ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.