ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި އިމާރާތް ހުޅުއްވައިދެއްވީ މިހާރު އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އެވެ.

އެމަނިކުފާނު މިއަދު ހުޅުއްވައިދެއްވި ވައިކަރަދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގައި އިދާރީ މަސައްކަތް ކުރާނެ ބަޔަކާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ކައުންސިލިންގ ރޫމާއި، މީޓިންގ ރޫމް އަދި މެޑިކަލް ސްޓޯރ އާއި ޖެނެރަލް ސްޓޯރއަކާއި ގަރާޖެއް ހިމެނެއެވެ. މި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ، ޕަރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.