ސްޕެއިނަށް އެރި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 3 މީހުން މަރުވެ، ވެރިރަށް މެޑްރިޑުގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރައިފިއެވެ.

މިހާދިސާގައި އެންމެ ބޮޑަށް ފެންބޮޑުވެ ގެއްލުންތައް ވަމުން ދަނީ މެޑްރިޑާ 31 މޭލު ދުރުގައި އޮތް ޓޮލީޑޯ ސިޓީއަށެވެ. ފެންބޮޑުވުމުގެ ހާދިސާގައި 3 މީހުން މަރުވެފައިވަނީވެސް ޓޮލީޑޯ ސިޓީއިންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމަށް ބައެއް މީހުން ރައްކާތެރިކަން ހޯދީ ގެތަކުގެ ފުރާޅުތަކަށް އަރައިގެންނެވެ. ސްޕެއިނުގެ އަސްކަރިއްޔާއިން ދަނީ ހެލިކޮޕްޓަރުގެ އެހީގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މެޑްރިޑާއި ވެލެންސިޔާ އަދި ކެޓަލޯނިޔާގެ މަގުތަކުގައި ފެންބޮޑުވެ، މަގުތައް ސިފަވެގެންދަނީ ކޯރުތަކެއްގެ ގޮތުގައެވެ. ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް ކުދި ބްރިޖްތަކާއި ބައެއް މަގުތައް ވަނީ ވެހިކަލް ނުދެއްވޭވަރަށް ހަލާކުވެފައެވެ.

ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުގައި މިހަފްތާ ބަންދުގައި އެގައުމަށް އެރި ތޫފާނުގެ އަަސަރު މުޅި ސްޕެއިނަށް ވަނީ ކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކާޑިޒް އާއި ޓައްރަގޯނާ އަދި ކަސްޓެއްލޯއަށެވެ.