ބާސެލޯނާއާއެކު 2026 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް އާކުރުމަށް ކޯޗް ޒަވީ ހެނާންޑޭޒް އެއްބަސްވެފައިވާ ކަމަށް ސްޕެއިނުގެ މަޝްހޫރު ނޫހެއް ކަމަށްވާ "މާކާ" އިން ބުނެފިއެވެ.

2021 ވަނަ އަހަރު ބާސެލޯނާގެ ކޯޗްކަމާ ހަވާލުވި ޒަވީ މިހާރު ހަދާފައިވާ ކޮންޓްރެކްޓް މިސީޒަން ނިމުމުން ހަމަވާނެއެވެ. ޒަވީގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ބާސެލޯނާއިން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދުމުން އެކްލަބުގެ ބޯޑު މެމްބަރުން މެދުގައި އޭނާގެ މަގުބޫލްކަން ވަނީ އިތުވެފައެވެ.

"މާކާ" އިން ޒަވީ ކޮންޓްރެކްޓް އާކުރަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓް ކުރިނަމަވެސް ބާސެލޯނާއިން އަދި ޒަވީވެސް މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާގެ ކެޕްޓަންކަންކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒަވީ މިސީޒަންވެސް ފެށީ ވަރުގަދަ ކޮށެވެ. ލީގުގައި މިހާތަނަށް ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ އެއްމެޗް އެއްވަރުކޮށް ބާސެލޯނާ ތިންވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ.